Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ފަހު ވަގުތު ބްރައިޓަން އިން ލިވަޕޫލް ހިފަހައްޓައިފި

ޕްރިމިއާ ލީގުގައި މިއަދު ބްރައިޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ 21 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ބްރައިޓަން އޮތީ 10 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ކުރީކޮޅު ބްރައިޓަން އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. އެގޮތުން ބްރައިޓަންގެ ކޮނޮލީ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، މެޗުގެ 20 ވަނަ މިނެޓްގައި ބްރައިޓަން އަށް ލިބުނު ޕެނަލްޓީ މައުޕޭ ފޮނުވާލީ ބޭރަށެވެ.

މެޗުގެ 34 ވަނަ މިނެޓްގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އެޓީމަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ސަލާހު އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ނިންމައި އެ ގޯލު ކެންސަލްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނުއިރު ދެ ޓީމުވެސް އެއްވަރެއްގައި އޮތްއިރު، މެޗުގެ 60 ވަނަ މިނެޓްގައި ޑިއޭގޯ ޖޯޓާ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. ލީޑު ފުޅާކޮށްލަން ލިވަޕޫލަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ބްރައިޓަން އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

މި ޕެނަލްޓީ ބްރައިޓަން އަށް ލިބުނީ އެޓީމުގެ ފޯވާޑް ޑެނީ ވެލްބެކް އަށް ލިވަޕޫލްގެ ރޮބަޓްސަން ކުރި ފައުލަކާ ގުޅިގެންނެވެ. އެގޮތުން މި ޕެނަލްޓީ ކާމިޔާބުކޮށްދީ ބްރައިޓަން އަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިނީ ޕަސްކަލް ގްރޮސް އެވެ.

ލީގުގައި ލިވަޕޫލް ދެން ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. ބްރައިޓަން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ.