Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ރެއާލް ބަލިވިއިރު، ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް 2-1 އިން އަލަވޭސް އަތުން ބަލިވިއިރު، އެޓީމަށް ކުޅެމުން އަންނަ އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.

ރޭގެ މެޗުން ބަލިވުމުން ރެއާލް މިހާރު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. އަލަވޭސް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި އަލަވޭސް އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން އަލަވޭސް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒްއެވެ. ރެއާލް އިން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރަމުންދަނިކޮށް މެޗުގެ 28 ވަނަ މިނެޓްގައި ހަޒާޑްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

މިދިޔަ އަހަރު ރެއާލްއާ ގުޅުނު ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އޭނާ އަށް މިހާތަނަށް ރެއާލް އަށް ކުޅެދީފައިވަނީ 27 މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް އަލަވޭސް ލީޑުގައި އޮވެ ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޮސެލޫ ވަނީ އަލަވޭސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ރެއާލް އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަސެމެއިރޯ އެވެ.

މިއީ ލީގުގައި ރެއާލް ބަލިވި ތިންވަނަ މެޗު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ.