Last Updated: March 29, 13:37
Friday, March 29, 2024
ކުޅިވަރު

ޤައުމީ ކަންކަމުގައި ދިވެހިން ފަހަތަށް ނުޖެހޭނެކަން ސާބިތުކޮށްދީފި: ދަގަނޑޭ

ޤައުމީ ކަންކަމުގައި ދިވެހިން ފަހަތަށް ނުޖެހޭނެކަން މުޅި ދުނިޔެ އަށް ސާބިތުކޮށްދީފި ކަމަށް، ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ދަގަނޑޭ މިހެން ބުނެފައިމިވަނީ އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރެވުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ. އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލު ދަގަނޑޭ ކާމިޔާބު ކުރީ ހޮންކޮންގުގެ ޗަން ސިއު ކީއާ ވާދަކޮށްގެންނެވެ.

އެގޮތުން ދަގަނޑޭ ފައިނަލް ކާމިޔާބު ކުރީ 89.14 ޕަސެންޓް ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް އޭނާ އަށް ވޯޓު ލުމުގަ އާއި ވޯޓު އިތުރު ކޮށްދެއްވުމަށް އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއީ ރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް ކަމަށްވެސް ދަގަނޑޭ ބުންޏެވެ.

"އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން" ދަގަނޑޭ ބުންޏެވެ.

ބްރެކެޓް ޗެލެންޖްގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓަށް ކުޅެ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެގޮތުން އޭނާ މި ގޯލު ކާމިޔާބުކުރި ގިނަ ކުޅުންތެރިންތަކެއްގެ ގައިން ނައްޓާލުމަށްފަހުއެވެ.