މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައި ވަނިކޮށް އިންތިޚާބުގެ ދެވަނަ ބުރު މި މަހުގެ 28 ގައި ބާއްވަން ޖެހޭނެ ކަމަށް ބުނެއެމްޑީޕީން ރައްޔިތުންގެ މަޖިލީހަަށް މިއަދު ހުށަހެޅި ގަރާރް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފި ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުގައި ބޭއްވުނު ހާއްސަ ޖަލްސާގައި މި ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ.
ގަރާރަށް ތާއީދު ކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އެވެ.
މި ގަރާރުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން ދިވެހި ރާއްޖޭގައި ބާއްވައި އިންތިޚާބުތަކަކީ ދިމުގްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފްވެރި، ހާމަކަންބޮޑު އިންތިޚާބަކަށް ވާން ޖެހޭނެ ކަމަށް ލާޒިމް ކުރާ އިރު، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކަންކަން ބޭރު ގައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ރާއްޖޭގެ ޖަމާއަތްތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ނޫސްވެރިން މޮނީޓަކޮށް، އަދި އޮބްޒާވްކުރި އެއްވެސް ފަރާތަކުން އިންތިޚާބުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ޝަކުވާއެއް ފާހަގަކޮށްފައި ނުވާ ކަމަށް ގަރާރުގައިވެ އެވެ.
"އިންތިޚާބުގެ ފުރަތަމަ ބުރަކީ، މިނިވަން، އިންސާފްވެރި އަދި ހާމަކަންބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ އަށް ތައްޔާރުވެ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި އަމާން މާހައުލެއްގައި ކުރިއަށް ގެންދެވުނު އިންތިޚާބަކަށްވީ ހިނދު، ގާނޫނު އަސާސީއިން ކަށަވަރުކޮށް ދީފައިވާ ދިވެހިން އެދޭ ވެރިކަމެއް ޚިޔާރު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފައި، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮވެ ނިންމައިފައިވާ ނިންމުމެއް، އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް މުއައްސަސާއަކުން ނުވަތަ އެއްވެސް މަރުޙަލާއަކުން ބަދަލު ކުރެވިދާނެ ކަމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މަޖިލީހުން ގަބޫލުނު ކުރައްވާ" ކަމަށާާއި "ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ދީމިޤްރާތީ އުސޫލްތަކަށް ތަބާވުމަކީ އެންމެހާ ފަރާތްތަކަށް ލާޒިމް ކަމެއް ކަމަށާއި، މިނިވަންކަމާއި، އިންސާފްވެރިކަމާ އެކު ކުރިއަށް ގެންދެވުނު އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމް ކުރުމަކީ ގާނޫނު އަސާސީގެ ސިޔާދަތު ނަގަހައްޓައި، ދިވެހި މުޖުތަމައުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ދީމިގްރާތީ ވެރިކަމެއް ޤާއިމް ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުން ދެކޭ ކަމަށް ގަރާރުގައި" ވެ އެވެ.
އަދި ގާނޫނު އަސާސީގައި ކަނޑައެޅިގެން ވަކި ތާރީޚުތަކެއްގެ ކުރިން ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ ކަންތައްތައް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީއިން ލާޒިމްވެގެންވާ ކަމަކަށްވާ އިރު، 28 ސެޕްޓެމްބަރު 2013 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިޔަށް ގެންދިޔުމަށް އެއްވެސް ހުރަހެއް އެއްވެސް ފަރާތަކުން ކުރިމަތި ނުކުރުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެއްވެސް ސަބަބަކާހުރެ ލަސް ނުކުރުމަށާއި، އަދި އެ އިންތިޚާބު ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ހުރިހާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށް ދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އެންމެހައި ކަންކަން ކުރިއަށްދާ އިރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ސަލާމަތީ ޚިދުމަތްތަކުން ކަންތައް ކުރާ ގޮތް ބަލަމުން ގެންދިޔުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާރަށް ކުރިއަށް ގެންގޮސް 28 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ނިންމަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް މިއަދު ހުށައެޅި ގަރާރުގައި ހިމަނައިފައި ވެ އެވެ.