Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ރާއްޖޭގައި ވަގުން ނޫޅޭ ރަށެއްގެ ވާހަކަ

މީގެ ސާދަ ފަނަރަ އަހަރު ކުރިން އެއްފަހަރަކު މިލަދުންމަޑުލު ދެކުނުބުރީގެ ރަށަކަށް ދަތުރެއް ކުރީމެވެ. ވަކި މަސައްކަތެއް ކުރުމަށް ވަކިރަށެއް އިޚުތިޔާރުކޮށްގެން ކުރި ދަތުރެއް ނޫނެވެ. ދުވަހަކުވެސް ނުދާ ރަށެއްގައި އަދި ދަންނަ ބަޔަކުވެސް ނޫޅޭ ރަށެއްގައި ހަފުތާއެއްހައި ދުވަހު ހުރެލައި ހަގީގީ ބީރައްޓެހިކަން ތަޖުރިބާކޮށްލުމުގެ ދަތުރެކެވެ. ދަބަސް ހިފައިގެން މާލޭގެ މަސް މާރުކޭޓު ކައިރިޔަށް ނުކުތްއިރު ފުރާން ތައްޔާރުވެފައިވާ ނާލުބޯޓަކަށް އަރައިގެން ދިޔައީއެވެ. އެބޯޓުގެ އެންމެ ފަހު މަންޒިލަކީ މިދެންނެވި ރަށެވެ. އާބާދީވެސް ކުޑަ ސައިޒުވެސް ކުޑަ ރަށެކެވެ.

އަތޮޅުގެ ދެތިން ރަށެއްގައި ބަނދަރުކޮށް މުދަލާއި މީހުން ބޭލުމަށްފަހު އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެއްކަލަ ރަށުގެ ބަނދަރަށް ނަގިލި ވައްޓައިލީމާ އަޅުގަޑުވެސް ފާލަންމައްޗަށް ފައިބައިފީމެވެ. ކުޑަތަންކޮޅަކަށް ދެވުނުތަނާ އުމުރުން ދިހަބާރަ އަހަރަށްދާ ފުރައިގެ ދެކުއްޖަކާ ދިމާވެއްޖެއެވެ. އެކުދީންނަށް ގޮވައިގެން ގެނެސް އަހައިފީމެވެ. މިރަށުގައި ކުއްޔަށް ކޮޓަރި ދޫކުރާ ގެޔެެއް ހުރޭ ހެއްޔެވެ. މިހެން އެހީމާ މިތަނުން އެއްކުއްޖަކު ބުންޏެވެ. މިހިރަ ހުސޭނުމެންގެ ގެއިން ކޮޓަރި ދޫކުރެއެވެ. ހުސޭނާއެވެ. މީނާ ގޮވައިގެން ގެޔަށް ދާށެވެ.

ހުސޭނާއެކު ދިޔައީ އާދައިގެ ގޮތަކަށް ހަދާފައިހުރި އައު ގެޔަކަށެވެ. އެސޮރު އެތެރެއަށް ވަދެގެންގޮސް ދެއްކި ވާހަކައެއް ދެއްކީމާ ގޭގެ ވެރިމީހާ ނުކުމެގެން އައިސް ދުވާލަކަށް ކުލީގެ މިންވަރަކީ މިވެނިވަރެކޭ ބުނެފިއެވެ. ދެން އެއަދަދަށް އެއްބަސްވެ ހަފުތާއަކަށްވާ ވަރަށް އެޑްވާންސްކޮށް ކުލިދިނީމާ ދަބަސް ނަގައިގެންގޮސް ކޮޓަރިއަކަށްވެސް ވައްދައިފިއެވެ. ތަނަވަސް ކޮޓަރިއެކެވެ. ފަންކާޔާއި ޑަބަލް އެނދުވެސް ހުއްޓެވެ. ނަމާއި ރަށާއި އަތޮޅު އެހުން ފިޔަވައި އިތުރު ސުވާލުތަކެއްވެސް ނުކުރެއެވެ. ދަމުން ބުންޏެވެ. ހެނދުނުގެ ނާސްތާ މިގެއިންނެވެ. އެހެންވަގުތު ތަކުގައި ހޮޓަލަށްދާށެވެ.

ހޮޓަލަށްވަދެ ކައިފައި މިސްކިތަށް އަރައި ނަމާދުކޮށްފައި އަތިރިމައްޗަށްގޮސް ހޮޅުއަށީގައި އޮވެފައި މިޒާތަކަށް ދެދުވަހެއްވަރު ފާއިތުވީފަހުން އަޅުގަޑަށް ފާހަގަކުރެވުނު ކަމަކީ ފިހާރަފިހާރަ ތަޅުލައި މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް މިރަށު މީހުން ސަމާލުކަން ނުދޭކަމެވެ. ނަމާދު ގަޑި ޖެހުނީމާ ވަޑާންކުރާ މީހާވެސް ތަކެތި ބަހައްޓާފައި ދަނީ މިސްކިތަށެވެ. ވަޑާންގެ ތަޅުލުމެއް ނޯވެއެވެ. ފިހާރަ ހިންގާ މީހުންވެސް ކަންތައްކުރަނީ މިހެންނެވެ. ތަންތަން ތަޅުލުމަކީ އެމީހުން ދަންނަ ކަމެއް ނޫނެވެ. ކުރާކަމެއްވެސް ނޫނެވެ.

އަޅުގަޑު މިކަމާ ވަރަށް ހައިރާންވެގެން ބަޔަކާ ސުވާލުކޮށްފީމެވެ. ކަލޭމެން ވަޑާންގެޔާއި ފިހާރަފިހާރަޔާއި އެފަދަ އެނޫންވެސް ތަންތަން ތަޅުނުލަނީ ކީއްވެގެން ބާވައެވެ. އެމީހުން ޖަވާބުދިނެވެ. މިރަށުގައި ވައްކަންކުރާ ބަޔަކު ނޫޅެއެވެ. ވައްކަމަކީވެސް މިރަށަށް ބީރައްޓެހި ކަމެކެވެ. އެހެންވީމާ ތަންތަން ތަޅުލައި މުދައު ފޮރުވާން ލާޒިމެއް ނޫނެވެ. ކަލޭގެ މޯބައިލް ފޯނު މިހިރަ ފާރުބުރިމަތީގައި ބާއްވާފައި ދޭބަލާށެވެ. ހަތަރުފަސް ދުވަސް ވިޔަސް އެތާގައި އޮންނާނެއެވެ. މީހަކު އަތެއް ނުލާނެއެވެ. ނުގެންދާނެއެވެ.

އެމީހުން އެބުނީ ވަރަށް ބޮޑު ތެދެކެވެ. އެއީ ވަގުން އުޅޭ ރަށެއް ނޫނެވެ. ވައްކަންކުރުމެއް ފޭރުމެއް ނޯންނާނެތާއެވެ. ރަށުގެ ކޮންމެ މީހަކީވެސް ދިރިއުޅުމަށްޓަކައި ހަލާލު މަސައްކަތެއްކުރާ މީހެކެވެ. އެއްބަޔަކު ދަނީ މަހަށެވެ. ދެންއުޅެނީ ރާނާ މީހުންނާއި ވަޑާންކުރާ މީހުންނާއި މިބާވަތުންގޮސް އެކި ފަންނުތަކުގެ މީހުންނެވެ. އަންހެންވެރީންވެސް ހުހަކަށް ނުތިބެއެވެ. މަޝްއޫލުވެގެން ތިބެނީ އެވެރިންނާ ގުޅޭ މަސައްކަތްތަކުގައެވެ. ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުއްޖަކު ނުވެސް އުޅެއެވެ.

ދިވެހިރާއްޖޭގައި މިހާރު އެކަހަލަ ރަށެއް އޮންނާނެބާވައެވެ. ނޫހުން ދުށީމެވެ. އައްޑޫގައި މިހާރު ރަސްކަންކުރަނީ ވަގުންނެވެ. ވަގުންނަށް ފޮރުވައިގެން ހަމައެކައްޗެއްވެސް ނުގެންގުޅެވެއެވެ. ވަގުން ހިފައި ހައްޔަރުކޮށް ވައްކަންކުރުން ހުއްޓުވުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށްވެސް ކުއްލި މައްސަލަތައް ހުށައަޅައިގެން ބަހުސް ކުރެވެމުންދެއެވެ. ތެދެކެވެ. ވަގުން ހިފައި ހައްޔަރުކުރާންވާނެއެވެ. އެކަމަކު އެއީ މައްސަލައިގެ ހައްލެއް ނޫނެވެ. ވައްކަން ކުރަނީ މަސްތުވާތަކެތި ހޯދުމަށެވެ. ގަތުމަށެވެ. އެހެންވީމާ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަކީ ހައްލެވެ.

އަޅުގަޑު ކުރިން ދެންނެވި ރަށަކީ މިބަހުގެ މިސާލެކެވެ. ޒުވާނުންގެ ތެރޭގައި މަސްތުވުމުގެ ވަބާއެއް ނެތެވެ. މަސްތުވާތަކެތީގެ ވިޔަފާރިއެއް ނެތެވެ. އާމްދަނީ ހޯދަން ޒުވާނުން ކުރަނީ ފައިދާހުރި ހަލާލު މަސައްކަތެވެ. ވައްކަންކުރުމެއް ނެތެވެ. ކުރާކަށް ނުވެސް ޖެހެއެވެ. އެއާ ޚިލާފަށް ޒުވާނުން ބޭކާރުވާން ފެށީމާ ދެން މަސައްކަތެއް ނުކުރާނެއެވެ. ތިބޭން ދިމާކުރާނީ މަސްތުގެ ހާލުގައެވެ. ރަށުތެރޭގައި އާއްމުވާނީ ވައްކަމެވެ. އައްޑުއަތޮޅަށް މިހާރު ދިމާވެފައިވަނީ މިގޮތެވެ.