Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

އެސްޓިއޯއަށް އާ ސީއެފްއޯއެއް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ.

ނިޒާމް މި މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންވެ.

އެސްޓީއޯގެ ސްޕޯކްސްޕަރސަން އަބްދުﷲ މުހައްމަދު ވިދާޅުވީ ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައި އެ ކުންފުނީގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މިހާދު މަގާމުން ވަކިވެ ވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށެވެ. މިއީ އިންޓަރނޭޝަނަލް ކޮންސަލްޓަންސީ ފާރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދް އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މިވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯއެވެ. ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދުވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.