Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ދަގަނޑޭ މާޒީގެ ތެރެއަށް، ކުލަބު ވެލެންސިއާ އަށް ސޮއިކޮށްފި

ރާއްޖޭގައި ތާރީޚުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް(ދަގަނޑޭ) އޭނާގެ ޒުވާން ދުވަސްވަރުގެ ޓީމު، ކުލަބު ވެލެންސިއާ އަށް ސޮއިކޮށްފިއެވެ.

ފަނަރަ އަހަރު ފަހުން ދަގަނޑޭ، ވެލެންސިއާގެ ޖާޒީއެއްގައި ކުރިއަށް އޮތް ސީޒަނުގައި ފެންނާނެ ކަން އިއުލާންކޮށްފައިވަނީ ރޭ، ޓްރާންސްފާ ސީޒަންގެ މުއްދަތު ހަމަވުމުގެ ކުރިން ވެލެންސިއާ ސޮއިކޮށް ކުރި ފޭސްބުކް ޕޯސްޓެއްގައެވެ.

ދެހާހުގެ ކުރީ އަހަރުތަކުގައި ވިދާލި ދަގަނޑޭ އެންމެ ފުރަތަމަ ވެސް ފެނިގެން ގޮސްފައިވަނީ ވެލެންސިއާގެ ރީނދޫ ޖާޒީގައެވެ. އެއީ 2001 ވަނަ އަހަރު، އޭނާގެ އުމުރުން 16 އަހަރުގައެވެ.

ދަގަނޑޭ ވެލެންސިއާ ދޫކޮށްލީ 2005 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ސޮއިކުރުމަށް ފަހުގައެވެ.

އަންނަ ސީޒަނުގައި ވެލެންސިއާގެ ޖާޒީގައި އަލީ ފާސިރު(ސެންޓޭ) ވެސް ފެންނާނެ ކަމަށް ކުލަބުން ބުނެފައިވެއެވެ. މިއީ ދަގަނޑޭ އާއި ސެންޓޭ ނިއު ރޭޑިއަންޓު ފިޔަވައި އެއް ކުލަބެއްގައި ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.

ދަގަނޑޭ ވަނީ އޭނާގެ ވެލެންސިއާ ދުވަސްވަރު ކުޅުނު 109 މެޗުން 104 ގޯލު ޖަހާފައެވެ. އަދި ވެލެންސިއާ އާއެކު ދިވެހި ލީގު ހަތަރު ފަހަރު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.