Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ވަންނާނެ ތަނެއް ނެތި ތިބި މީހުން ގުޅިފަޅަށް ގެންދަނީ

ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައި ތިބި ޒުވާނުން: ފޮޓޯ - މިހާރު

މާލޭގައި ވަންނާނެ ތަނެއް ނެތި މަގުމަތިވެފައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދާދިނުމަށް ސަރުކާރުން އެމީހުން ގުޅިފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ) އިން ބޭއްވި ބޯޑު ބައްދަލުވުމަކަށް ފަހުގައެވެ. އެންޑީއޭގެ ޗެއާމަން އަބްދުލް ހަމީދާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަންނާނެ ތަނެއް ނެތް މީހުން ފުރަތަމަ ބަލަން ޖެހޭ ބެލުންތައް ބެލުމަށް ގެންދާނީ ގުޅި ފަޅަށެވެ.

އަދި އެންޑީއޭއިން ބެލުމަށް ފަހު އެމީހުންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅިފައި ތިބި މީހުން، ފަރުކޮޅުފުށީގައި ހުރި ޑިޓޮކްސް ސެންޓަރަށް ގެންގޮސް އެތަނުން ފަރުވާދޭން ފަށާނެ ކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ގުޅިފަޅަށް ގެންދާނީ ބޯހިޔާވަހިކަމެއް ނެތް މީހުންގެ ރުހުން ލިބުމުން ކަމަށެވެ. މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދާ ހަވާލާދީ "މިހާރު" ނޫހުން ޚަބަރު ފަތުރާފައިވާ ގޮތުގައި ގުޅިފަޅު ފެސިލިޓީއަކީ މިހާރު ބޭނުންކުރެވޭ ރަނގަޅު ފެސިލިޓީއެކެވެ.

އެތަނަށް ބޯހިޔާވަހިކަން ނެތް މީހުން ގެންގޮސް އެމީހުންގެ ތެރޭގައި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް ކުންފުނިތަކާ ގުޅިގެން ވަޒީފާ ހޯދާދޭން ވެސް މަސައްކަތް ކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ.