Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވައްކަން ކުރެވުނީ މަދު މުވައްޒަފަކާ އެކު މަސައްކަތް ކުރަން ޖެހުމުން: ޝާޑު

އެމްޕީއެލް ތެރެއިން ބޮޑު ޚިޔާނާތެއް ފަޅާއަރައި ތަހުގީގެއް ފަށާފައިވާއިރު އެޚިޔާނާތް ހިނގާފައިވަނީ ކޮވިޑާ ގުޅިގެން ފުރަބަންދުގައި މަދު މުވައްޒަފަކާއެކު މުއައްސަސާ ހިންގަން ޖެހުމުން ކަމަށް ކުންފުނީގެ ސީއީއޯ ޝާހިދު އަލީ(ޝާޑު) ވިދާޅުވެއްޖެއެވެ.

ޚިޔާނާތާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ، ޚިޔާނާތުގައި އެމްޕީއެލްގެ މުވައްޒަފުންނާ، ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިގެ މުވައްޒަފުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

ޝާޑު އިތުރަށް ވިދާޅުވީ މިމައްސަލާގައި ބަޔާން ނެގި މުވައްޒަފުންގެ ތެރެއިން އެކަކު ކުށަށް އިއުތިރާފު ވެސް ވެފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިކަން ކޮށްފައިވަނީ ރަސްމީ ލިޔުންތައް ފޯޖުކޮށް، ސައްހަ ލިޔުންތައް ކަމުގައި ފޭކު ލިޔުންތައް ތައްޔާރުކޮށްގެން ކަމަށް ޝާޑު ވިދާޅުވިއެވެ.

"އޮޑިޓް ރިޕޯޓަށް އައިޑެންޓިފައި ކުރެވުނު ކަމަކީ މިދަންނަވާހެން އެބަހުރިކަން ޑޮކިއުމެންޓްތަކެއް އަސްލު ޑެލިވަރީ ނޯޓްތަކެއްގެ ތެލަށް ރިކުއެސްޓް ކުރާ ފޯމް ތަކެއްގެ ކޮޕީ އަދި އޭގެ ނަމްބަރުތައް އޮޅުވާލެވި އެފަދަ ކަންތައްތަކެއް ހިންގާފައި އެބަހުރި. އެކަން އޮޑިޓަށް އެބަފެނޭ."

ޝާޑު އިތުރަށް ވިދާޅުވެފައިވަނީ ފުރަބަންދުގެ ސަބަބުން މުވައްޒަފުން އިންތިހާއަށް މަދުކޮށްގެން އޮޕަރޭޝަންސްތައް ހިންގި ކަމަށާއި، އޭގެ ސަބަބުން އޮންނަ އުސޫލުން ބޭރުން ކަންކަން ކުރަން ޖާގަ ލިބިގެން ދިޔަ ކަމަށެވެ.

މިވައްކަން ފަޅާއެރުމުން އެމްޕީއެލް އިން ވަނީ ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގާފައެވެ. ނަމަވެސް ފިއުލް ސަޕްލައި އިން މިފަދަ ފިޔަވަޅެއް އެޅި ކަމެއް އެކުންފުނިން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.