Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ގެއެެއްގެ ޖަންކްޝަން ތެރެއިން ފުލުހުން ޑްރަގު ހޯދައިފި

ފުލުހުން ހޯދި މަސްތުވާތަކެތި. ފޮޓޯ: މިހާރު

މާލޭގެ ގެއެއްގެ ފާޚާނާ ޖަންކްޝަން ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފުލުހުން ހޯދައިފިއެވެ.

ބައެއް މީޑިޔާތަކާއެކު ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ، ކޯޓު އަމުރަކާއެކު ފާސްކުރުމަށް ދިޔައީ ގ. މެމޮރީވިލާއަށެވެ. މިއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ ތަނެކެވެ.

ކޯޓު އަމުރާއެކު ފުލުހުން އެ ގެއަށް ގޮސް ޓަކި ޖެހުމުން ދޮރު ނުހުޅުވުމުން، ވަދެފައިވަނީ ބާރުގެ ބޭނުންކޮށް، ދޮރު ވައްޓާލައިގެންނެވެ. އެ އޮޕަރޭޝަން ކަވަރުކުރަން ފުލުހުން ފުރުސަތު ދިން ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން ވައްޓާލާފައިވަނީ ދަގަނޑު ދޮރެކެވެ.

އޭގެ އިތުރުން ފުލުހުން ވަނީ ދޮރު ވައްޓާލުމުގެ ކުރިން ފާރު ތެރެއިން ބާގަނޑެއް ވެސް ހަދާލައިގެން ގޭތެރެއަށް ވަދެފައެވެ. ފުލުހުން ވަދެފައިވަނިކޮށް އެގޭތެރޭގައި ދިރިއުޅެމުން ދިޔަ ފިރިހެން މީހާ ވަނީ ފާޚަނާ ފްލަޝްކޮށްފައި ކަމަށް "މިހާރުން" ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އޭނާ ކުރީ އެކަމަށް އިންކާރެވެ.

ފުރަތަމަ ގޭ ބަލާ ފާސްކުރުމަށް ފަހު މަސްތުވާތަކެތި ނުފެނުނުމުން ފުލުހުން ވަނީ އެގޭގެ ފާޚަނާ ޖަންކަޝަންގެ މަތި ނަގައި ޖަންކްޝަން ވެސް ބަލާފައެވެ. ފުލުހުން މަސްތުވާތަކެތި ހޯދީ ޖަންކްޝަން ތެރެއިންނެވެ. މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހަތް ޕެކެޓު ޖަންކްޝަން ތެރެއިން ފެނުނު ނަމަވެސް ގޭގައި އުޅުނު މީހާ އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެފައިވެއެވެ.

އޭނާގެ އަތުން ފެނުނު 6،500ރ. އަކީ ކަންނެލި މަސްވެރިކަން ކޮށްގެން ހޯދި ފައިސާ ކަމަށް ފުލުހުންކުރި ސުވާލުތަކަށް ޖަވާބު ދެމުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެގޭތެރެއިން ފެނުނު އިތުރު ސާމާން ތަކުގެ ތެރޭގައި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޒާތުގެ ކަށްޓަކާއި މަސްތުވާތަކެތި ބަންދުކުރާ ޒާތުގެ ރަބަރު ޕެކެޓުވެސް ފެނިފައިވާ ކަމަށް "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެނޫހުން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން ވައްޓާލި ދަގަނޑު ދޮރުގެ ބަދަލުގައި ދަގަނޑު ދޮރެއް އަރުވައި، ފާރުން ހެދި ބާގަނޑު މިހާރު ވަނީ ބައްދާފައެވެ.