މިދުވަސްކޮޅު ނޫސްތަކާއި މީސްމީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމާއި ބެހޭ ވާހަކައެވެ. ތިނަދޫގެ އެއްމެންބަރަކު މިކަމާއި ބެހޭގޮތުން ދެއްކެވި ވާހަކައަކާއި ގުޅިގެން އުފެދިފައިވާ ހޫނުބަހުސެވެ. އެއްބަޔަކު ބުނާގޮތުން މިމައްސަލާގައި މެންބަރު ދެއްކެވި ވާހަކައަކީ އައްޑޫ މީހުންގެ ކަންފަތަށް އާ ވާހަކައަކަށް ވިޔަސް ހުވަދޫ މީހުންނަށް އެއްގޮތަކަށްވެސް އާ ވާހަކައެއް ނޫނެވެ.
މިގޮތަށް ވާހަކަ ދައްކާމީހުން ޤަބޫލުކުރާގޮތުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މައްސަލާގައި ސަރުކާރުން ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ މާޒީގައި ގެންގުޅެފައިވާ ސިޔާސަތު ބައްޓަންވެފައިވަނީ ސަރުކާރުގެ މަތީ މަޤާމުތައް ފުރުއްވަމުން ގެންދެވި ހުވަދޫއަށް ނިސްބަތްވާ ވަޒީރުންނާއި ކަމުވޮށިގެންވާ މީހުން އެގޮތަށް އެކަން ބޭއްވުމަށް ގަދައަޅައި ކޮށްފައިވާ މަސައްކަތުގެ ސަބަބުންނެވެ.
އަނެއްބަޔަކު ބުނާގޮތުން އެވާހަކައަކީ މެންބަރު ފާޅުކުރެއްވި އަމިއްލަ ޚިޔާލެކެވެ. އެޚިޔާލަކީ ހުވަދުއަތޮޅުގެ ރައްޔިތުންގެ ވިސްނުން ހުރިގޮތްކަމުގައި ބުނެވޭނެ ހެއްކެއްނެތެވެ. އެވާހަކައަކީ ސަރަޙައްދީ ތަރައްޤީއާއި ތަމައްދުނާއި ބީރައްޓެހި އަދި ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާވެސް އިދިކޮޅު ޚިޔާލެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ޒާތުގެ ވާހަކައެކެވެ. ކަން ކޮންމެ ގޮތަކަށް އޮތަސް މިކަމާއިމެދު ބަޙުސްކުރުމަކީ އަޅުގަނޑުގެ މަޤުޞަދެއް ނޫނެވެ.އެހެންނަމަވެސް މިމައުޟޫގައި ފާޅުކުރެވޭ ޚިޔާލުތަކަކީ ދެކުނުގެ ސަރަޙައްދީ ތަރައްޤީއަށް އަސަރުކުރާނެ ޚިޔާލުތަކަށްވާތީ އެމައުޟޫގައި ތިންހަތަރު ނުކުތާއެއް ފާހަގަކޮށްލަން ގަސްދުކުރީއެވެ.
އައްޑޫ ގަމުގައި އެއަރޕޯޓެއް ތަރައްޤީކުރީ އެއްވެސް ބަޔެއްގެ މުއްސަނދިކަމަށް ހުރަސްއަޅަން ނޫންކަން އެއީ ފެންނަންއޮތް ޙަޤީޤަތެކެވެ. އަދި ގަމުގެ އެއަރޕޯޓު ބޭނުންކުރަން ފަށައި ބައިނަލްއަޤުވާމީ އުދުހުންތަކަށް މި އެއަރޕޯޓު ކަނޑައެޅިގެން ގޮސްފައިވަނީ އެކަން އެގޮތަށް ކުރުމުން ލިބޭނޭ އިޤްތިޞާދީ ފައިދާތަކެއް ހިމެނިފައިވާތީއެވެ. ތަރައްޤީ ކުރެވިފައިވާ އެއަރޕޯޓެއް މިސަރަޙައްދުގައި އޮތްއިރު، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން މުޅިން އަލަށް އެހެން އެއަރޕޯޓެއް މިސަރަޙައްދުގައި ތަރައްޤީކުރަން އުޅުމުގެ އިޤްތިޞާދީ ސަބަބެއްވެސް ނެތީމައެވެ.
ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގައި ބަލަންޖެހޭ ހަމައެކަނި މިންގަނޑަކީ ފަޅުރަށްތައް ގިނަވުން ކަމުގައި ދައުވާކުރާތީ އެބަފެނެއެވެ. އެހެންނަމަވެސް ހުވަދު އަތޮޅުގައި އެންމެފުރަތަމަ ތަރައްޤީކުރި އެއަރޕޯޓު އަޅަންޖެހޭތަން ކަނޑައެޅުމުގައި ގ.އ. އަދި ގ.ދ އަތޮޅުގެ ރަށްތައް އެތުރިފައިވާގޮތަށް ބަލައި ވީހާގިނަ ރަށްތަކަށް އެންމެ ފަސޭހަ ތަނެއްގައި އެއަރޕޯޓު އެޅުމުގެ ބަދަލުގައި އަތޮޅުގެ އެއްކަނުގައި އޮތް ކާޑެއްދޫ އިޚުތިޔާރު ކުރެވިގެން ދިޔައީ މުޅިން އެހެން މިންގަނޑަކުންނެވެ.
ގިނަރަށްތައް ލިބިފައިވިޔަސް ށ. އަތޮޅުގައި ޑޮމެސްޓިކް އެއަރޕޯޓެއްހާ މިންވަރުވެސް ނެތި ޒަމާންތަކެއް ވޭތުވެގެން ދިޔައީ ރަށްތައް ގިނަވުމާއި މަދުވުން އެއީ އެއަރޕޯޓުތައް ތަރައްޤީ ކުރުމުގައި ބެލެވޭ މިންގަޑަކަށް ނުވާތީއެވެ. ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގައި ވަރަށްގިނަ ކަންތައްތަކަށް ބަލަންޖެހެއެވެ. މިގޮތުން އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރ ތަރަައްޤީކުރުމަށް ހޭދަވާ ފައިސާގެ އަދަދާއި އެފައިސާ ހޯދާނެގޮތް ހިމެނެއެވެ. އެއަރޕޯޓުތަކަކީ އެތަނުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ވަރަށްބޮޑު ޚަރަދުތަކެއް ހިނގާކަމެކެވެ.
ކުރިއްސުރެ ތަރައްޤީކޮށްފައިވާ އިންފްރާސްޓްރަކްޗަރއެއް މިކަމަށް ބޭނުން ހިފިގެން ދިއުމަކީ އިންވެސްޓްމަންޓުގެ ބޮޑުބައެއް އަނބުރާ ލިބުންފަދަ ކަމެކެވެ. އެއަރޕޯޓު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި އާމްދަނީ ލިބޭނެ ވަސީލަތްތައް އެއަރޕޯޓްގެ ވަށައިގެންވާ ސަރަޙައްދުގައި ޤާއިމުކުރެވެނޭ ފުރުޞަތުއޮތްތޯ ބެލުމަކީވެސް ވަރަށް މުޙިއްމު ކަމެކެވެ. މިގޮތުން އެއަރޕޯޓުގައި ޤާއިމުކުރެވޭ ޝޮޕިންގ ސެންޓަރުތަކާއި ކެފޭތަކާއި ސިނަމާތަކާއި ޕާރކިންއާއި ތަފާތު އެހެނިހެން ވިޔަފާރިތަކަކީ އުދުހުމާއި ސީދާގުޅުމެއްނުވިޔަސް އެއަރޕޯޓަށް އާމްދަނީ އިތުރުކޮށްދޭނެ ވަސީލަތްތަކެވެ.
އައްޑުއަތޮޅުގެ އެއްފަސްވެފައިވާ އާބާދީއަކީ މިދެންނެވި އިތުރު ވިޔަފާރިތައް ތަރަށްޤީވުމަށް އޮތް އެންމެ ބޮޑު އެއްފުރުޞަތެވެ. މީގެ އިތުރުން ގަމާއި ފޭދޫއާއި ދެމެދުގައި އޮތް ސަރަޙައްދަކީ ޔޮޓުމެރީނާއެއް ތަރައްޤީކުރުމަށް ވަރަށް އެކަށޭނަ ތަނެކެވެ. ގަމުގެ ހުޅަނގުފަރާތު ފަޅުތެރޭގައި އޮތް ސަރަޙައްދަކީ ދިގުމުއްދަތަށް ވިއްކާލެވޭގޮތަށް މަތީފަންތީގެ މުއްސަދިންނަށް އަމާޒުކޮށް ގެތައް ތަރައްޤީ ކުރަން ވަރަށް އެކަށޭނަ ތަނެކެވެ. މިތަނަކީ ސީޝެލްސްގެ އީޑްން އައިިލެންޑް ޕްރޮޖެކްޓް ފަދަ ޕްރޮޖެކްޓެއް ތަރައްޤީ ކުރެވިދާނެ ތަނެކެވެ.
ހަމައެއާއިއެކު ދެހާހެއްހާ އެނދުގެ ކެޕޭސިޓީ ހަމައެކަނި ގަމުގައި އެކަނިވެސް ތަރައްޤީކުރެވިދާނެއެވެ. ގަމުގެ ސަރަޙައްދަކީ ފައިނޭންޝަލް ފްރީޒޯނެއް ތަރައްޤީކޮށް އެއަރކްރާފްޓް ލީޒިން ޚިދުމަތް ފުޅާކުރެވިދާނެ ސަރަޙައްދެކެވެ. ކާމިޔާބު ގޮތެއްގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ފުރުޞަތު ދެކުނު ސަރަޙައްދުގައި އެއްމެ ބޮޑު ރަށަކީ އައްޑޫ ގަމެވެ. އައްޑޫ ގަމުގައި ކުރިޔަށް ގެންދެވޭ ބައިނަލްއަޤުވާމީ ވައިގެ ޚިދުމަތަކީ ކޮންމެހެން ހުވަދުއަތޮޅަށް ބަރޯސާވާން ޖެހޭނެ ޚިދުމަތަކަށް ނުވިޔަސް އެޚިދުމަތުގެ ސަބަބުން ގ.ދ. އަދި ގ.އ އަތޮޅުގެ ރައްޔިތުންނަށް ކުރާނެ މަންފާ ނުހަނުބޮޑެވެ.
އައްޑޫ އިންޓަރނެޝަނަލް އެއަރޕޯޓު ތަރައްޤީ ކުރެވި، ކަނޑާއި ވައިގެމަގުން އައްޑޫއާއި ހުވަދުއަތޮޅު ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމަކުން ސަރަޙައްދީ ތަރައްޤީގެ ފާލަން އެޅިގެން ދިއުމަކީ ހުވަދޫގެ ތަރައްޤީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެކަމެވެ. ފަރެސްމާތޮޑާ އަކީ ގ.އ. އަދި ގ.ދ. ގެ ހުރިހާ ރަށްތަކެއް ގުޅުވައިދޭ މައި މަރުކަޒުކަމުގައި ހަދައި ފަރެސްމާތޮޑާ އާއި ފުވައްމުލަކާއި އައްޑޫ ގުޅުވައިދޭ ދަތުރުފަތުގެ ވިއުގައެއް ގާއިމުވެގެން ދިއުމަކީ ސަރަޙައްދީ ތަރައްްޤީ އޭގެ ޙަޤީޤީ ސިފައިގައި އަންނާނެ ގޮތެވެ.