Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ފްލައިން ސްކޫލްގެ މައްޗަށް ގާނޫނު ހިނގާނީ ކޮން ދުވަހަކުން؟

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލަށް ގާނޫނީ ފިޔަވަޅު ނާޅާ މައްސަލައިގައި އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އޮއްސާލައިފިއެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތަކުގެ ވާހަކަތައް މީޑިއާގެ ޒަރިއްޔާ އިންނާއި އަދި ސޯޝަލް މީޑިއާ އިން ވެސް ނުފެންނަ މީހަކު މިހާރު މަދުވާނެއެވެ. ނަމަވެސް އެކަމުގެ ވާހަކަތައް ދައްކާތާ ގާތްގަނޑަކަށް ދެ މަސް ވެގެންދިޔައިރު ވެސް އަމަލީ ގޮތުން އެކަށީގެންވާ ބަދަލުތަކެއް ނުފެންނައިރު، ދަރިވަރުންނަށް ކުރިމަތިކުރުވާ ފިއްތުންތައް އަންނަނީ ދުވަހަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

އެގޮތުން މިހާތަނަށް 20 އަށް ވުރެ ގިނަ ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވާއިރު، އެކި ދުވަސްމަތިން ދަރިވަރުންނަށް އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކޯސް ނިންމަންޖެހޭނެ ކަމަށް ބުނެ އިންޒާރުގެ މެއިލްތައް ވެސް ލިބެމުންނެވެ. ކޮންމެ ދުވަހެއް ވެސް ދަރިވަރުން މިއަދު ހޭދަކުރަމުންދަނީ އެފަދަ މެއިލްއެއް އަތުވެދާނެ ކަމުގެ ބިރެއްގެ ތެރޭގައި ތިބެއެވެ. އެފަދަ މެއިލްތައް އައުމުން ނަފްސާނީ ގޮތުން ވެސް އެތައް ދަރިވަރުންތަކަކަށް ވަނީ އަސަރުކޮށްފައެވެ. މިއީ އަމިއްލަ ގައުމުގައި ޒުވާނުންތަކެއް އުޅެންޖެހޭނެ ހާލުތޯއެވެ؟

"އަހަރެންގެ ދަރިފުޅު މިހާރު ފްލައިން ސްކޫލަށް ދާން ބޭނުމެއް ނުވޭ، ނަފްސާނީ ގޮތުން ވެސް ހުރީ އަސަރުކޮށްފައި. މިއީ ކުޑަކަމެއް ނޫން. މިއީ ކަމާބެހޭ މުއައްސަސާތަކުން ވިސްނަންޖެހޭ ކަމެއް. މިވަރުގެ އަނިޔާވެރި ބައެއްގެ ގާތަށް ދަރިން ފޮނުވަން ރުހޭނީ ކޮންބައެއް؟ ހުދު އަހަރެން ވެސް ނުރުހޭ. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ" ދަރިވަރެއްގެ ބެލެނިވެރިއަކު ބުންޏެވެ.

މެއިލްތަކާއި ދަރިވަރުން ވަކިކުރުމުގެ މައްސަލަ އަށް ހައްލެއް ލިބިފައިނުވާއިރު، ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އަންނަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދު އަދި ދައުލަތުގެ ވުޒާރާތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އެންގުމުން އެއަށް ވެސް ގޮންޖަހަމުންނެވެ.

އެގޮތުން މަނިޓަރީ ގަވާއިދާ ހިލާފަށް ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގަމުންދާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 20 ދުވަހުގެ ތެރޭގައި ހުށަހަޅަން އެންގި އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭން ވެސް ސްކޫލުން މިނިސްޓްރީ އަށް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރަށް މިނިސްޓްރީ އަށް ގޮންޖަހައި އިތުރު ދަރިވަރުން ނެގުމަށް ވެސް އިއުލާންކޮށްފައިވެއެވެ. ކަންކަން މިހާ ހިސާބަށް ދިޔައިރު ވެސް ހަމަ އާންމު އުސޫލުން ދައުލަތުގެ މުއައްސަސާތައް ތިބީ "ހަނު" ކިޔައިގެންނެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓްގައި ޝާއިޜު ކުރާ ހިސާބުން އެ ގާނޫނަކަށް އެންމެން ވެސް އަމަލުކުރަންޖެހޭނެއެވެ. އެހެން އެކަން އޮންނައިރު އޭއޭއޭ އިން މިނިސްޓްރީތަކުން އަންގާ އެންގުންތަކާއި ގާނޫނާއި ގަވާއިދަށް ބޯނުލަނބައިގެން އުޅޭއިރުވެސް ފިޔަވަޅެއް ނޭޅޭނަމަ އެއީ މިހާރުވެސް ބޮޑު މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަރިވަރުންނަށް ދެވޭ އިތުރު ނިކަމެތިކަމެކެވެ.

"އަހަރެންގެ ދަރިފުޅު ވެސް މިހާރު ކޯހުގައި ކިޔަވަމުންދާތާ ވެއްޖެ 4 ވަރަކަށް އަހަރު. އާއިލާއާ ދުރުގައި ހުންނަތާ އެހާ ދުވަސްވީއިރު ކޯސް ނިމެނޭ ދުވަހެއް ވެސް މިހާރު ނޭނގޭ. ކޮންމެ ދުވަހަކު އެ ދަރިފުޅު ގުޅާފައި މިތަނުގެ ޝަކުވާ އަހަރެންގެ ގާތުގައި ކުރޭ. އަހަރުމެންނަށް މިކަމުގައި ކުރެވޭނެ ވަކި އިތުރު ކަމެއްވެސް ނެތް. އިދާރާތަކުން އަވަސް ހައްލެއް ގެނެސްދޭށޭ ބުނާނީ" ކޯހުގައި ކިޔަވަމުންދަތާ 4 އަހަރުވެފައިވާ ދަރިވަރެއްގެ ބެލެނިވެރިއެއްގެ އިހުސާސްތައް ބަންޑުންކޮށްލިއެވެ.

ކޮންމެ ބެލެނިވެރިއަކު ވެސް ދަރިންނާއި މެދު ފޮނި އުއްމީދުތަކެއް ކުރާނެއިރު، އެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ބެލެނިވެރިން ތިބެނީ ތައްޔާރަށެވެ. އެގޮތުން ފްލައިން ސްކޫލްގައި ރާއްޖޭގެ އެކި ރަށްތަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވަމުންދާއިރު، އަމިއްލަ މައިންބަފައިންނާއި ދުރުގައި އެތައް އަހަރެން ވަންދެން ތިބެ އެ ދަރިވަރުން ވަމުންދަނީ ބޮޑު ގުރުބާނީއެކެވެ.

ނަމަވެސް ކުރިން ހީކުރި ވަރަށްވުރެ ދިގު މުއްދަތެއް ކޯހަށް ނަގައި، ދަރިފުޅުގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް ހޭދަކުރި ފައިސާތަކާއި އެ އުއްމީދުތައް ވެސް "ފެނަށް" ވެދާނެ ކަމުގެ މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައިވާ އެތައް މައިންބަފައިންނެއް ވެސް އެބަ ތިއްބެވެ.

"އާދޭހާއެކު އިދާރާތަކަށް މި ގޮވާލަނީ މި ކަންކަން ހައްލުކޮށްދޭށޭ. ލަސްނުކުރައްވާށޭ، މިތަނުގައި ކިޔަވަމުންދާ ދަރިވަރުންނަކީ އެތައް އާއިލާއެއްގެ އުއްމީދުތަކާއި ގުޅިފައި ތިބި ކުދިން" ބެލެނިވެރިއެއްގެ އާދޭސްތައް އިދާރާތަކަށް އަމާޒުކޮށްލިއެވެ.

ސްކޫލުން އަމިއްލަ އަށް އިސްނަގައިގެން ކަންކަން ރަނގަޅުކޮށްދޭނެ ކަމަށް ބަލައިގެން ތިބޭތާ އަހަރުތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް އެކަން މިވީ ބިލާހަކަށެވެ. އެހެންކަމުން މި މާޔޫސްކަމުން ދަރިވަރިންނާއި އެ ދަރިވަރުންގެ މައިންބަފައިން ނެރެދިނުމުގެ ބާރު އޮތީ ސަރުކާރުގެ އިދާރާތަކުގެ އަތްމަތީގައެވެ. ދަރިވަރުންނާއި މައިންބަފައިން ވެސް އެދެނީ އަވަސް ފިޔަވަޅުތަކަކަށެވެ. އިތުރު މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްނުލުމަށެވެ.