ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން ޕީއެސްޖީ އަތުން ބަލިވިއިރު، ޗެލްސީން ސެވިއްޔާ އަތުން 4-0 އިން މޮޅުވެ ގްރޫޕް އީގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު ގްރޫޕް އެޗްގައި ހިމެނޭ ޔުނައިޓެޑާއި، ޕީއެސްޖީ އަދި ރެޑްބުލް ލީޕްޒެގަށް ފަސް މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާ އެކު އޮތީ ބަސަކްޝެހީރެވެ. ގްރޫޕްގެ ފަހު މެޗުގައި ޔުނައިޓެޑް ނިކުންނާނީ ލީޕްޒެގާއި ދެކޮޅަށް ކަމަށްވާއިރު، އެ މެޗު އެއްވަރުކޮށްލައިގެން، ގޯލުގެ ތަފާތުން ކުރި ހޯދައިގެން ޔުނައިޓެޑަށް އަނެއް ބުރަށް ދަތުރުކުރެވޭނެއެވެ. ލީޕްޒެގަށް އަނެއް ބުރަށް ދެވޭނީ ގްރޫޕްގެ ފަހު މެޗުން ޔުނައިޓެޑް އަތުން މޮޅުވެގެންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ނޭމާ ވަނީ ޔުނައިޓެޑް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ ލީޑު ނަގަން ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް އަށް ވަނީ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.
އެ ފުރުސަތުތަކުގެ ބޭނުން ޔުނައިޓެޑް ނުހިފުނުއިރު މެޗުގެ 69 ވަނަ މިނެޓްގައި މާކިއުނޯސް ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފައެވެ. އޭގެ މިނެޓަށްފަހުން ޔުނައިޓެޑްގެ ފްރެޑަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ރެފްރީ ވަނީ ދައްކާފައެވެ. ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދީ ތިން ޕޮއިންޓު އެޓީމަށް ކަށަވަރުކޮށްދިނީ ނޭމާއެވެ.
ބޮޑު މޮޅަކާއެކު ގްރޫޕް އީގެ އެއްވަނަ ޗެލްސީން ރޭ ކަށަވަރުކޮށްފައިވަނީ ބާކީ އެއް މެޗު އޮއްވައި 13 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ސެވިއްޔާ އޮތީ 10 ޕޮއިންޓާ އެކު ކަމަށްވާއިރު، ގްރޫޕްގެ ފަހު މެޗުން ޗެލްސީ ބަލިވެ ސެވިއްޔާ މޮޅުވި ނަމަވެސް ހެޑް ޓު ހެޑުން ކުރި ލިބެނީ ޗެލްސީ އަށެވެ. މި މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމު އޮތީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަތަރު ގޯލު ވެސް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. މިއީ 2010 ވަނަ އަހަރަށްފަހު މެޗެއްގައި ޗެލްސީގެ ކުޅުންތެރިއަކު ހަތަރު ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެންމެފަހުން މެޗެއްގައި ހަތަރު ގޯލު ކާމިޔާބުކުރި ޗެލްސީގެ ކުޅުންތެރިއަކީ އެޓީމުގެ މިހާރުގެ ކޯޗު ފްރޭންކް ލަމްޕާޑް އެވެ.