Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކު މިނިވަންކޮށްފި

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 2017 ވަނަ އަހަރު އުމުރު ދުވަހަށް ޖަލަށް ހުކުމްކުރި މީހަކު މިއަހަރު ދޫކޮށްލައިފިއެވެ.

ޖަލުން މިނިވަންވެފައިވާކަން ކަށަވަރު ވެފައިވަނީ، 24 ކިލޯގެ މަސްތުވާތަކެތި (މަގުމަތީގެ އަގުން ބަލާއިރު 100 މިލިއަން ރުފިޔާގެ ޑްރަގު) އެތެރެކުރިކަމުގެ ކުށް ސާބިތުވެ 2017 ވަނަ އަހަރު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ހ. އެޕާވީސް، އަބްދުﷲ ސޮފްވަތެވެ. އޭނާ ޖަލުން ސަލާމަތްވެފައިވާ ކަން "މިހާރު" ނޫހަށް ކަށަވަރުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިމައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދޭން ކަރެކްޝަންސް އިން ވަނީ ދެކޮޅު ހަދާފައެވެ. ސޮފްވަތު ހައްޔަރުކުރީ އިރާނު ބޯޓަކުން ގެނައި ޑިންގީއެއްގައި މަސްތުވާތަކެތި ފޮރުވައިގެން މާލެ ގެނެސްފައިވަނިކޮށެވެ.

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހުޅުމާލޭ ފަޅުން ޑިންގީ ހޯދައި 18 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހެކި ލިބި ދައުވާ ކުރެވުނީ މިހާރު މިނިވަންކޮށްފައިވާ ސޮފްވަތުގެ އިތުރުން އިސްމާއިލް މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބެލުމަށް ފަހު ދެމީހުންނަށް ވެސް، 2017 ވަނަ އަހަރުގެ މާޗު މަހު 25 އަހަރުގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ސޮފްވަތު މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ޖަލުން ދޫކޮށްލާފައިވާއިރު އޭނާއާއެކު އުމުރު ދުވަހަށް ޖަލަށް ހުކުމް ކުރި އިސްމާއިލް މޫސާ ވެސް ޖަލުން މިނިވަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމަކީ ބޮޑު ކުށަކަށް ވާއިރު ސާބިތުވެއްޖެ ނަމަ މާފު ދިނުމަށް ގާނޫނު ހުއްދައެއް ނުކުރެއެވެ.

ނަމަވެސް، ކަރެކްޝަނުން މިކަމާ ގުޅޭގޮތުން މައުލޫމާތު އާންމު ކުރަން ދެކޮޅު ހަދާތީ މިދެމީހުން މިނިވަން ކުރެވުނު ސަބަބު އަދި އެނގޭ ގޮތެއް ވެފައި ނުވެއެވެ.