އިންޑިއާ އިން މި އަހަރު އޮސްކާ އަށް ހުށަހަޅާ ފިލްމަކީ ގުޖުރާތީ ފިލްމް "ދަ ގުޑް ރޯޑް" ކަމަށް ނިންމައިފި އެވެ.
ކުރިން ބެލެވިފައިވާ ގޮތުގައި އޮސްކާ އަަށް މި އަހަރު އިންޑިއާ އިން ހުށަހަޅާނެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްވި އަދި ގައުމީ އެވޯޑް ހާސިލްކޮށްފައިވާ އިރްފާން ހާނާއި ނަވާޒުއްދީން ސިއްދީގީ ލީޑް ރޯލް ކުޅެފައިވާ "ދަ ލަންޗް ބޮކްސް" އެވެ.
އެހެން ނަމަވެސް އެއާ ހިލާފަށް އޮސްކާގެ ބެސްޓް ފޮރިން ލެންގްއޭޖް ފިލްމަށް އިންޑިއާ އިން ރަސްމީކޮށް ހުށަހަޅަން ނިންމީ މި އަހަރުގެ ގައުމީ އެވޯޑްގައި އެންމެ މޮޅު ގުޖޫރާތީ ފީޗާ ފިލްމަކަށް ހޮވުނު "ދަ ގުޑް ރޯޑް" އެވެ.
ގޯތަމް ގޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ސޮނާލީ ކުލްކަރުނީ އާއި އަޖޭ ގޭހީ އެވެ.
"ދަ ގުޑް ރޯޑް" ގައި ދައްކުވައި ދެނީ ހައިވޭއެއްގައި ތިން މީހަކަށް ދިމާވާ ހާދިސާތަކެކެވެ.
މިދިޔަ އަހަރު އިންޑިއާ އިން އޮސްކާ އަށް ހުށަހެޅީ އިންޑިއާގެ ގިނަ އެވޯޑްތަކެއް ހާސިލް ކުރި ރަންބީރު ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅުނު "ބަރްފީ" އެވެ.
އެހެން ނަމަވެސް އޮސްކާގެ ނޮމިނޭޝަނާ ހަމައަށް ނުގޮސް އެ ފިލްމް ވަނީ ކަޓައިފަ އެވެ.
މި އަހަރު އޮސްކާ އަށް އިންޑިއާ އިން 21 ފިލްމެއް ޝޯޓްލިސްޓް ކުރި އެވެ.
އޭގެ ތެރޭގައި ކަމަލް ހަސަންގެ އެންމެ ފަހުގެ ފިލްމް "ވިޝްވަޕޫރަމް"، ސްރީދޭވީގެ "އިންގްލިޝް ވިންގްލިޝް"، ފަރްހާން އަހުތަރުގެ "ބާގް މިލްކާ ބާގް" އަދި މަލަޔާޅަމް ފިލްމް "ސެލިިއުލޮއިޑް" އާއި ބެންގާލީ ފިލްމް "ޝަބްދޯ" ހިމެނެ އެވެ.
މިހާތަނަށް އޮސްކާގެ ބެސްޓް ފޮރިން ލެންގްއެޖް ފިލްމަށް ނޮމިނޭޓްވެފައި ވަނީ 100 އަހަރުވެފައިވާ އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ އެންމެ ތިން ފިލްމެވެ.
އެއީ 1957 ވަނަ އަހަރު ރިލީޒްވި މެހެބޫބް ހާންގެ "މަދަ އިންޑިއާ" އާއި މީރާ ނައިރް 1988 ގައި ޑައިރެކްޓް ކުރި ސަލާމް ބޮމްބޭ" އާއި އާމިރް ހާންގެ 2001 ވަނަ އަހަރުގެ ފިލްމް "ލަގާން" އެވެ.
އެހެން ނަމަވެސް މިހާތަނަށް އެއްވެސް ފިލްމަކަށް އޮސްކާއެއް ލިބޭ ގޮތެއް ނުވެ އެވެ.
މި އަހަރުގެ ފިލްމްތަކަށް އޮސްކާ ދޭ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.