Last Updated: April 20, 09:14
Saturday, April 20, 2024
ރިޕޯޓް

100 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެެތެރެކުރި މީހާ 3 އަހަރު ތެރޭ އިސްލާހުވެއްޖެ!

ގުރައިދޫން ފެނުނު މަސްތުވާތަކެތި: ފޮޓޯ- މިހާރު

މިދިޔަ ހަފްތާގައި ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި އަބްދުﷲ ސޮފްވަތު ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް ފަހު ދޫކޮށްލި ކަމުގެ ޚަބަރެވެ.

މި ޚަބަރާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އޭނާގެ އިތުރުން އެ މައްސަލާގައި ދެން ވެސް އުމުރަށް ޖަލަށް ލުމަށް ހުކުމްކުރި އިސްމާއިލް މޫސާ މިނިވަން ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތައް ވަނީ އަރާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އިސްމާއިލް މޫސާ މިނިވަން ކުރަން ނޫޅޭ ކަމަށް އެ ޚަބަރު ދޮގުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޮފްވަތު ޖަލުން ދޫކޮށްލީ ރައީސުލް ޖުމުހޫރިއްޔާ އަށް ގާނޫނު އަސާސީގެ 29 ވަނަ މާއްދާ އިން ލިބިދީފައިވާ މުތުލަގު ބާރެއްގެ ބޭނުން ކުރައްވައިގެންނެވެ. އޭނާ މިނިވަންކުރީ އޭނާ ޖަލުގައި ހޭދަކުރި ތިން އަހަރު ތެރޭ އުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ޖަލުގެ މިސްކިތުގެ މުދިންކަން ކުރަމުން ދަނިކޮށް ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާގެ ވިދާޅުވީ ރައީސް، ސޮފްވަތުގެ އަދަބު ލުއިކޮށްފައިވަނީ އާދައިގެ ގޮތަކަށް ބަލާފައި ނޫން ކަމަށެވެ. އޭނާ ދޫކޮށްލީ ރިހެބިލިޓޭޓު ވެފައި ހުރިތޯ ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން ޑައިރެކްޓަރ އޮފް ކަރެކްޝަންސްގެ ސޮފްވަތާ ގުޅޭގޮތުން ހަދާފައިވާ ރިޕޯޓަކީ މިހާތަނަށް ދުށް އެންމެ ރަނގަޅު ރިޕޯޓު ކަމަށް ވެސް އޮފިޝަލް ބުނެފައިވެއެވެ.

އަދި ކަރެކްޝަންސްގެ މެނޭޖުމަންޓުގެ ހުރިހާ ބޭފުޅުން ވެސް ވަނީ އޭނާ ރިހެބިލިޓޭޓު ވެފައިވާ ކަމަށް އެއްބަސް ވެފައި ކަމަށާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރިޔަސް، މުޖުތުމައަށް ނުރައްކަލެއް ނެތް މީހަކު ޖަލުގައި ބައިންދަން ނުފެންނާތީ އޭނާ މިނިވަން ކުރީ ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ގާނޫނުގައި މައާފު ނުދެވޭ ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލާގައި ހުކުމް އިއްވާ ފަރާތްތައް ހިމެނެއެވެ. ނަމަވެސް، އޭނާގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސަށް ލިބިފައިވެއެވެ. މިސާލަކަށް ހުކުމް ތަންފީޒު ކުރެވިފައިވާ މުއްދަތު ކަނޑައި، ބާކީ އޮތް މުއްދަތުން އެއް ދުވަސް ދޫކޮށް ދެން ހުރި މުއްދަތު ރައީސަށް ލުއި ކުރެވިދާނެއެވެ. އެގޮތަށް ހަދައިފިނަމަ ހުކުމް ތަންފީޒުކުރާ މީހާ ޖަލުގައި އެއް ދުވަސް ހޭދަކުރުމުން އޭނާ މިނިވަން ވީއެވެ.

އެހެންކަމުން އޭނާ މިނިވަންކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. ނަމަވެސް އުފައްދަން ޖެހިފައި އޮތް ބޮޑު ސުވާލަކީ ވައްކަމެއް ކޮށްގެން 6 އަހަރަށް ޖަލަށްލާ މީހާ ޖަލުން ނިކުމެވެނީ 6 އަހަރު ހޭދަކޮށް ހުކުމުގެ މުއްދަތު އެއްކޮށް ތަންފީޒުކޮށްގެން ކަމަށްވާއިރު، މަސްތުވާތަކެތި އެތެރެކުރިކަމުގެ ކުށް ސާބިތުވެފައިވާ މީހާ ތިން އަހަރު ތެރޭ އެއްކޮށް ރިހިބިލިޓޭޓުވެ، ދެން އެކަމުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން ކަރެކްޝަނުން ހޯދާނީ ކޮން ގޮތަކުންތޯއެވެ.

ރާއްޖޭގައި ހިނގާ ގިނަ ކުށްތަކުގެ ފަހަތުގައި އޮންނަނީ މަސްތުވާތަކެތީގެ ވަބާއެވެ. ސޮފްވަތު ހައްޔަރުކުރި އިރު ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ އޭރު ރާއްޖޭގައި އެއް ފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.

އެހާ ބޮޑު ކުށަކަށް އަރައިގަނެފައިވާ ފަރާތެއް މިހާ ފަސޭހަ ގޮތަކަށް ޖަލުން މިނިވަންވެ މުޖުތަމައަށް ދޫވުމަކީ މިކަމުގައި އިސްކޮށް ތިބި ފަރާތްތަކުން ކޮން ގޮތަކަށް ނަގާނެ މެސެޖެއްތޯ ވެސް ބަލާލަން ޖެހެއެވެ.