Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކޮރަޕްޝަން ހުއްޓުވުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭގޮތުން ޚާއްސަ ވެބިނާއެއް

ކޮރަޕްޝަން ހުއްޓުވުމުގައި ނޫސްވެރިންގެ ދައުރާއި، ނޫސްވެރިނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޚާއްސަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ސެޝަން އިންތިޒާމްކޮށް ކުރިއަށް ގެންދާނީ މޯލްޑިވިއަން ޖާނަލިސްޓް އެސޯސިއޭޝަނުންނެވެ. ސެޝަންގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ ހުސެން ފިޔާޒާއި، "އައްޑޫލައިވް" ގެ ފައުންޑަރ މުހައްމަދު ޝަރަފުއްދީންގެ އިތުރުން "މިހާރު" ނޫހުގެ އެޑިޓަރ މޫސާ ލަތީފް އަދި މޯލްޑިވްސް އިންޑެޕެންޑެންޓްގެ ކުރީގެ އެޑިޓަރ އަދި މިހާރު އަލް ޖަޒީރާގެ ނޫސްވެރިޔާ ޒަހީނާ ރަޝީދެވެ.

ކޮރަޕްޝަން ހުއްޓުވުމުގައި ނޫސްވެރިންގެ ދައުރާއި ގުޅޭގޮތުންނާއި ނޫސްވެރިންނަށް މިކަމުގައި ކުރިމަތިލާން ޖެހޭ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން މި ސެޝަނުގައި ނޫސްވެރިން މައުލޫމާތު ދޭނެއެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށް ކުރި މަސައްކަތްތަކުގައި އަމިއްލައަށް ތަޖުރިބާ ކުރަން ޖެހުނު ގޮންޖެހުންތަކުގެ ވާހަކަ ވެސް ދައްކާނެ ކަމަށް އެމްޖޭއޭ އިން މައުލޫމާތު ދީފައިވެއެވެ.

އަދި މިއީ އަލަށް ނޫސްވެރިކަމަށް ވަންނަ ފަރާތްތަކާއި ތަހުގީގީ ނޫސްވެރިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބައިވެރިވެލުން މުހިންމު ސެޝަނަކަށް ވެގެން ދާނެ ކަމަށް އެމްޖޭއޭ އިން ދެކެއެވެ.

މިރޭގެ ސެޝަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޭސްބުކް އަދި ޓުވިޓާ ލައިވް މެދުވެރިކޮށް ދައްކާނެއެވެ. ސެޝަން މޮޑެރޭޓު ކުރާނީ އެމްޖޭއޭގެ ޖެނެރަލް ސެކެޓްރީ އަދި ސަން ގެ މެނޭޖިން އެޑިޓަރ އަހުމަދު ނާއިފްއެވެ.