Last Updated: April 20, 14:10
Saturday, April 20, 2024
ރިޕޯޓް

ސިވިލް އޭވިއޭޝަން ދުވަސް: ޕައިލެޓްކަން ކިޔަވާ ދަރިވަރުން މާޔޫސްކަމެއްގައި!

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

މިއަދަކީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އޭވިއޭޝަން ދާއިރާއަކީ ކިހާ މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ހާމަކޮށްދީ، އެ ދާއިރާއާމެދު މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވުމެވެ.

ރާއްޖޭގައި ވެސް ޕައިލެޓަކަށް ވުމުގެ އުއްމީދުގައި ތިބި އެތައް ޒުވާނުންނެއް އެބަ ތިއްބެވެ. އެގޮތުން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ގާތްގަނޑަކަށް 150 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު މިއަހަރުގެ ސިވިލް އޭވިއޭޝަން ދުވަސް ބައްދަލުކޮށްފައިމިވަނީ އެ ދަރިވަރުންނަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ތިއްބައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތަކުގެ ވާހަކަތައް މީޑިއާގެ ޒަރިއްޔާ އިންނާއި އަދި ސޯޝަލް މީޑިއާ އިން ވެސް ނުފެންނަ މީހަކު މިހާރު މަދުވާނެއެވެ. ނަމަވެސް އެކަމުގެ ވާހަކަތައް ދައްކާތާ ގާތްގަނޑަކަށް ދެ މަސް ވެގެންދިޔައިރު ވެސް އަމަލީ ގޮތުން އެކަށީގެންވާ ބަދަލުތަކެއް ނުފެންނައިރު، ދަރިވަރުންނަށް ކުރިމަތިކުރުވާ ފިއްތުންތައް އަންނަނީ ދުވަހަކަށް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

ފެންނަމުންދަނީ ވުޒާރާތަކުން ޒިންމާ ނެގުމުގެ ބަދަލުގައި އެހެން ބައެއްގެ ބޮލަށް ކަންކަން ބިންދާލަމުންދާ މަންޒަރެވެ. ކަންކަން އިސްލާހު ކުރުމަށް ގޮވާލައި "މެޑަލް" ޖަހަން ބަޔާނެއް ނެރުމަކުން އަދި ނުފުދެއެވެ. ޒިންމާދާރު ގޮތަކަަށް ވާނީ އިސްލާހު ކުރަން އެންގި ކަންކަން ފާރަވެރިކަމާއެކު ބަލަމުންދިޔުމެވެ. އަދި އެ ކަންކަން ހައްލު ނުކުރެވޭނަމަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އެޅުމެވެ.

ނަމަވެސް މީޑިޔާއަކުން ހަބަރެއް ޖެހުމުން ދެން އަވަސްވެގަނެގެން އެކަން ހައްލު މަސައްކަތް ކުރަމޭ ބުނުމަކީ ދަރިވަރުންގެ މި މައްސަލަ އަށް ހައްލު ހޯދަން އެންމެ ރަނގަޅު ގޮތް ކަމަކަށް ނުފެނެއެވެ.

ފްލައިން ސްކޫލުގައި ހިނގަމުންދަނީ އާދައިގެ ކަމެއް ނޫނެވެ. މިހާތަނަށް 20 އަށް ވުރެ ގިނަ ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވާއިރު، އެކި ދުވަސްމަތިން ދަރިވަރުންނަށް އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކޯސް ނިންމަންޖެހޭނެ ކަމަށް ބުނެ އިންޒާރުގެ މެއިލްތައް ވެސް ލިބެމުންނެވެ.

މެއިލްތަކާއި ދަރިވަރުން ވަކިކުރުމުގެ މައްސަލަ އަށް ހައްލެއް ލިބިފައިނުވާއިރު، ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އަންނަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދު އަދި ދައުލަތުގެ ވުޒާރާތަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އެންގުމުން އެއަށް ވެސް ގޮންޖަހަމުންނެވެ.

މި ދައްކަނީ ބޭރު ގައުމެއްގައި ތިބި ބައެއްގެ ވާހަކަތަކެއް ނޫނެވެ. މިއީ އަމިއްލަ ފަސްގަނޑުގައި ޒުވާނުން އުޅެމުންދާ މާޔޫސްކަމެއްގެ ވާހަކައެވެ. ފިނި ކޮޓަރިން ނިކުމެ ވުޒާރާތަކުގެ އިސްވެރިން މިކަމަށް އަވަސް ހައްލު ގެންނަންވީ ވަގުތު މިހާރުވެސް މާ ލަސްވެސް ވެއްޖެއެވެ. ފްލައިން ސްކޫލުގައި ކިޔަވާ ޒުވާނުން އެދެނީ އެ ދަރިވަރުންގެ މައްސަލަ އަށް އަވަސް ހައްލެކެވެ. ދަރިވަރުންނާއި މައިންބަފައިން ވެސް އެދެނީ އަވަސް ފިޔަވަޅުތަކަކަށެވެ. އިތުރު މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްނުލުމަށެވެ.