Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ސުއޫދު އެމްޑީޕީ އަށް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ސައްހަކަމާ މެދު ޖުމްހޫރީ ގުޅުމުން އުފެއްދި ޝައްކުތަކާ ގުޅިގެން، އިލެކްޝަން ކޮމިޝަންގެ ފަރާތުން ވަކާލާތު ކުރެއްވި ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު އެމްޑީޕީ އާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެކަން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އޭނާ މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެމްޑީޕީ އަށް ސޮއި ވެސް ކުރައްވައިފަ އެވެ.

އޭނާކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފައިވާ ކަމަަށެވެ.

އެމްޑީޕީ ސަރުކާރުގައި ބަންޑާރަ ނައިބްކަން ކުރެއްވި ސުއޫދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ "ސްޕްރީމް ކޯޓުން އޭނާ ސަސްޕެންޑްކޮށްފި" ކަމަށާއި "އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ" ކަމަށެވެ.

ސުއޫދު ސަސްޕެންޑް ކުރި ސަބަބެއް ވިދާޅުވެފައި ނެތް ނަމަވެސް ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް މީޑިއާ އާއި ސޯޝަލް ނެޓްވޯކްތަކުގައި އޭނާ ހިޔާލު ފާޅު ކުރައްވަމުން ގެންދަވާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި ވަކާލާތު ނުކުރެވޭ ގޮތަށް އެމްޑީޕީގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ހަސަން ލަތީފު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.