Last Updated: April 26, 23:59
Saturday, April 27, 2024
ކުޅިވަރު

ޔުނައިޓެޑު ޔޫރޮޕާއަށް، ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި

getty images

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެމުން އަންނަ އިރު ލީޕްޒިގް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑު ކަޓައިފިއެވެ.

ޕޮއިންޓެއް ހޯދައިގެން ވެސް ކޮލިފައިވެވެން އޮތް ޔުނައިޓެޑު ބަލިވެފައިވަނީ 2-3 އިންނެވެ. މެޗުގެ ފުރަތަމަ މިނެޓުގެ ކުޅުން ހަމަނުވަނީސް ލީޕްޒިގް ވަނީ އެންޖެލީނޯގެ ގޯލަކުން ލީޑު ނަގާފައެވެ. ޔުނައިޓެޑަށް ހަމަނޭވާ ނުލެވިގެން އުޅެނިކޮށް، 12 ވަނަ މިނެޓުގައި ލީޕްޒިގް ވަނީ 2 ވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗު އެއްވަރު ކޮށްގެން ދެވަނަ ބުރަށް ދެވެން އޮތް މެޗުން ޔުނައިޓެޑު ބަލިވީ އެމީހުން އާންމު ގޮތަކަށް ކުޅެމުން އަންނަ ކުޅުން ބަދަލުކޮށް، ފަސް ޑިފެންޑަރުންގެ ފޯމެޝަނަކާއެކު މެޗަށް އެރުމުންނެވެ. ފާހަގަކޮށްލެވުނީ ޔުނައިޓެޑުގެ ކަނާތް ފަޅި ވަރަށް ބޮޑަށް ހުސްވެ، ލީޕްޒިގަށް ހަމަލާ ދޭން ފަސޭހަވެގެން ދިޔަތަނެވެ.

މާބޮޑު ކުޅުމެއް ނުކުޅެވި ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލީޕްޒިގުން ވަނީ 3 ވަނަ ގޯލެއް ޖަހައި ޔުނައިޓެޑުގެ ހުވަފެންތައް ފެނައް ދުއްވާލާފައެވެ. ނަމަވެސް ޕޮގްބާ ކުޅެން ނެރުނު ފަހުން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ދެ ގޯލު ކާމިޔާބުކުރިއެވެ. ފެނާންޑޭސްގެ ޕެނަލްޓީއަކުން ފުރަތަމަ ގޯލު ޖެހިއިރު ދެވަނަ ގޯލަކީ ލީޕްޒިގް ކުޅުންތެރިޔަކު ބައިކޮޅަށް ޖެހި ގޯލެކެވެ.

މިގްރޫޕުގައި ޕީއެސްޖީއާއި އިސްތަންބޫލް ބަސްކަޝެހީރް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވަނީ ނަސްލީ ތަފާތުކުރުމުގެ އަމަލެއް ރެފްރީއެއްގެ ފަރާތުން ފެނި، ދެ ޓީމުގެ ކުޅުންތެރިން ދަނޑުން ފައިބާފައެވެ. ޚަބަރު ލިބޭ ގޮތުގައި މެޗުގެ ހަތަރުވަނަ އޮފިޝަލް، ބަސްކެޝީރް ޓީމުގެ އެސިސްޓެންޓް މެނޭޖަރާ ދިމާލަށް "ކަޅު މީހާ" އޭ ކިޔުމުންނެވެ. ޔުއެފާ އިން ވަނީ މިމެޗު ސަސްޕެންޑުކޮށްފައެވެ.

ގްރޫޕް ޖީ ގައި އެތައް ބަޔަކު އިންތިޒާރުކުރި ރޮނާލްޑޯ އާ މެސީގެ ކުރިމަތިލުން މިފަހަރު ކާމިޔާބުކުރީ ރޮނާލްޑޯއެވެ. ޔުވެންޓަސް ވަނީ މިމެޗުން 0-3 ގެ ނަތީޖާއަކުން ބާސާގެ މައްޗަށް ކުރި ހޯދައި، ގްރޫޕުގެ އެއްވަނަ ނަގާފައެވެ.

މެޗުގައި ފެނިގެން ދިޔަ ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ، ރޮނާލްޑޯ، ޕެނަލްޓީ އިން ކާމިޔާބުކުރި ދެ ލަނޑެވެ. ވެސްޓަން މެކެނީ ވަނީ ރީތި ލަނޑަކާއެކު ސްކޯޝީޓުން ޖާގަ ހޯދާފައެވެ.