މިދިޔަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން ކުރި ހުކުމް ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި ޝަހީބާއެކު އިތުރު ހަ މީހަކު ހައްޔަރުކުރިއެވެ. އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނިގޮތުގައި މިކަމުގައި ޝަހީބާއެކު ދެން އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
އެގޮތުން ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލަ އާއި ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.