Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ ދެ މީހަކާ އެކު ހަތަރު މީހަކު ހޯދަނީ

ކްރިމިނަލް ކޯޓުން ބަލަމުންދާ ތަފާތު ހަ މައްސަލައަކާ ގުޅިގެން އެ ކޯޓަށް އެކި ފަހަރު މަތިން ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިވާ ނުވާ ހަ މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ހަ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ހޯދަމުންދާ މި ހަ މީހުންނަކީ ސ. މަރަދޫފޭދޫ، ސަންލައިޓް މުޙައްމަދު މަފްތޫޙް، ،39 އާއި ގއ. ވިލިނގިލި، ކުދިރަތްމާގެ މުޙައްމަދު ޖާބިރު، 50، އާއި މ. ވައިޖެހޭ، ޢަލީ މުޙައްމަދު މަނިކު، 40، އާއި މ. މުލި، ބުލޫވެއިޓް އިބްރާހިމް ސަލީމް، 39، އާއި ތ. ތިމަރަފުށި، ބިޖިލީގެ އިބްރާހިމް ޞަލާޙް، 34، ގެ އިތުރުން ސ. މީދޫ، ސޮނީ އަޙްމަދު މުފީދު، 45، އެވެ.

މި މީހުންގެ ތެރެއިން މުޙައްމަދު މަފްތޫޙްއަކީ މަކަރާއި ޚީލަތް ހެދުމުގެ ކުށުގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިކުރެވިފައި ނުވާ މީހެކެވެ.

އަދި މުޙައްމަދު ޖާބިރު އަކީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލައަކަށް ޚާޒިރު ކުރުމަށް ބޭނުންވާ މީހަކަށްވާ އިރު ޢަލީ އަޙްމަދު މަނިކު އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރު ކުރެވިފައި ނުވާ މީހެކެވެ.

މީގެ އިތުރުން އިބްރާހިމް ސަލީމް އަކީ މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ މައްސަލައަކަށް ހާޒިރު ކުރުމަށް ބޭނުންވާ މީހަކަށްވާ އިރު އިބްރާހިމް ޞަލާޙްއަކީ ފޭރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހެކެވެ.

އަދި އަޙްމަދު މުފީދުއަކީ މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމާއި ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނަށް މެނުވީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާ އެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރު ކުރުމަށް ބޭނުންވާ މީހެކެވެ.

މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް އެންގެވުމަށް ފުލުހުން އެދެ އެވެ.

އަދި ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއް ނަމަ އެރަށެއްގެ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް އެންގެވުން އެދެމެވެ. އަދި މި މީހުންނާ ބެހޭ މަޢުލޫމާތެއް އީމެއިލް ކުރައްވާ ނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.