ފަސް މިލިއަން ރުފިޔާގެ މަސްވެރިކަމާ ގުޅޭ މަޝްރޫއުއެއް މަރަދޫގައި ހިންގުމަށް ސްޕެއިންގެ ކުންފުންޏަކަށް ދިނުމަށް ނިންމާ އެގްރިމެންޓްގެ ކަންކަން ކުރިއަށްދާ ކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.
ޓޮމް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓް މަހު މަރަދޫ ބަނދަރުމަތީގައި ކޮލްޑް ސްޓޯރޭޖަކާއި އައިސް ޕްލާންޓެއް ހަދަން ބައިނަލްއަގްވާމީ ބީލަމަށް ހުޅުވާލުމުން ފަސް ކުންފުންޏަކުން ކުރިމަތިލި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ދިވެހި ހަތަރު ކުންފުންޏަކާއި ސްޕެއިންގެ ކުންފުނިކަމަށެވެ.
ޓޮމް ވިދާޅުވީ ފަސް ފަރާތުން ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ ސްޕެއިންގެ ކުންފުނިން ކަމަށެވެ.
މަރަދޫ ބަނދަރު މަތިން ކުރިން އެމްވީކޭއަށް ދީފައިވާ ބިމުގައި މަސައްކަތް ފެށުމަށްޓަކައި އެކުންފުންޏާއި އައްޑޫ ސިޓީ ކައުންސިލް އާއި ދެމެދު ކުރެވޭ އެގްރިމެންޓް ތައްޔާރު ކުރެވެމުންދާކަމަށް ޓޮމް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕެއިންގެ ކުންފުންޏަކީ %100 ބޭރުގެ ކުންފުންޏަކަށް ވުމުން އެގްރިމެންޓް ހެދުމުގައި ގާނޫނާއި ފުށޫ އަރަ އެވެ.
ސްޕެއިން ގެ ކުންފުނިން ކައުންސިލަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން މަޝްރޫއުއަށް ޚަރަދުކޮށް، އެތަންތަން ހިންގާނީ ވެސް އެ ކުންފުނިނެވެ. އަދި އެ ކުންފުންޏަކީ މަސްވެރިކަމުގެ މަސައްކަތް ކުރާ ތަޖުރިބާ ހުރި ވަރުގަދަ ކުންފުންޏެއް ކަމަށްވެއެވެ.
ޓޮމް ވިދާޅުވީ ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއު އެގްރިމެންޓްގައި ސޮއިކުރެވުނުހާ އަވަހަކަށް ފަށާނެ ކަމަށެވެ. އަދި މިކަމަކީ އައްޑު އަށް އިތުރު ވަޒީފާތަކާއި ކުރިއެރުން އަންނާނެ މަޝްރޫއެއް ކަމަށެވެ.