ސ. ހަންކެޑައިގައި ރިސޯޓެއް ތަރައްީ ކުރުމުގެ ކުރިން އެ ރަށުގެ އިރުމަތީ ފަރާތުން އޮތް ލިންކް ރޯޑް ރަށުގެ ހުޅަނގު ފަރާތަށް ސްރީ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިން ބަދަލުކޮށްދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެހެން ނަމަވެސް ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އެ މަގު ބަދަލުކޮށްދޭން އައިސީސީގައި އެދުމުން، އެކަން ކޮށްދޭން އެ ކުންފުނިން އެއްބަސްވެފައިވެ އެވެ.
އައިިސީސީއަކީ މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގުގައި ތާރު އަޅައިގެން ހެދި ކުންފުންޏެވެ. އެ ކުންފުނިން ވަނީ މިދިޔަ ޖޫން މަހު މަސައްކަތް ނިންމާލައި ގޮސްފަ އެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ އައިސީސީން ހަންކެޑައިގެ މަގު ބަދަލުކޮށް ދޭން ހަަމަޖެހިފައި ނެތް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ނުފެށި ލަސްވާތީ ކަންބޮޑުވާ ކަމަށެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ކްރެސެންޑާސް ގްރޫޕާ އެވެ.
ޓޮމް ވިދާޅުވީ ހަންކެޑައިގައި ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު އޮތީ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް ކްރެސެންޑާސް އަށް މަސައްކަތް ނުފެށިގެން އުޅެނީ އެ ކުންފުންޏަށް ލޯން ލިބުމުގައި ހުރި ދަތިތަކެއް ސަބަބުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަންކެޑެ ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ 200 އެނދުގެ ރިސޯޓެއްގެ ގޮތުގަ އެވެ.