Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ފީފާ އެވޯޑަށް މެސީ، ރޮނާލްޑޯ އަދި ލެވެންޑޯސްކީ ވާދަކުރަނީ

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ.

އެގޮތުން މި މަގާމަށް މިފަހަރު ވާދަކުރަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބަޓް ލެވެންޑޯސްކީ އެވެ.

މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ޖަރުމަނު ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެޓީމުގެ ފޯވާޑް ލެވެންޑޯސްކީ އެވެ.

އުމުރުން 32 އަހަރުގެ ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 47 މެޗުގައި 55 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ. ލެވެންޑޯސްކީ އަށް ވަނީ ދާދިފަހުން ޔޫއެފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑު ވެސް ލިބިފައެވެ.

މި ފަހަރު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކްގެ އިތުރުން ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ ސީޒަނުގެ އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިޔޯންގެ ދެ ކުޅުންތެރިން ކަމަށްވާ ލޫސީ ބްރޯންޒް އާއި ވެންޑީ ރެނާޑްގެ އިތުރުން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ވުލްފްސްބާގްގެ ކެޕްޓަން ޕެނީލް ހާޑާ އެވެ.

ފީފާގެ ބެސްޓް އެވޯޑްސްގެ މި ފަހަރުގެ ހަފްލާ އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ.