އެމެރިކާގެ މިލިޓަރީ އެކެޑަމީންނާއި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީން ހިންގާ ދެ ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް( އިން އާންމުކޮށް ހުޅުވާލައިފި އެވެ.
މި ދެ ކޯހުގެ ތެރެއިން ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ، އެމެރިކާ އިން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަސް އޮފް ސައިންސް ޑިގްރީ ކޯހަށް ލިބިފައި ވަނީ ހަ ޖާގަ އެވެ.
މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ ޢުމުރުން 17 އަހަރު ފުރިފައިވާ އަދި 2014 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް އިމްތޙާނުން މެތަމެޓިކްސް އަދި އޯ ލެވެލް އިމްތިޙާނުން އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެ އެވެ.
މީގެ ތެރެއިން ކޯހަށް އެޕްލައި ކުރުމަށް ފަހު ނެގޭ ހަށިހެޔޮކަމުގެ އިމްތިޙާނުން ފާސްވުމާއި އަދި ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އިން މެތަމެޓިކްސް ޕޯޝަންއިން މަދުވެގެން 642 އަދި ރީޑިންގ ޕޯޝަންއިން މަދުވެގެން 625 ގެ ސްކޯރއެއް ހޯދުމާ އެކު ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) އިން 120 އިން މަދުވެގެން 98ގެ ސްކޯއެއް ލިބޭ މީހެއް ކަމުގައި ވާން ޖެހެ އެވެ.
ފުރުސަތު ހުޅުވާލެވިފައިވާ ދެވަނަ ކޯހަކީ ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، އެމެރިކާ އިން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަސް އޮފް ސައިންސް ޑިގްރީ ކޯހެކެވެ.
މި ކޯހަކީ ވެސް ހަ ބައިވެރިއަކު ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ ކޯހެކެެވެ. މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ ޢުމުރުން 17 އަހަރު ފުރިފައިވާ އަދި 2013 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭލެވެލް އިމްތިޙާނުގެ ތިން މާއްދާއިން "ސީ" ފާސް ލިބިފައިވުން ހިމެނެ އެވެ.
މީގެ ތެރެއިން ކޯހަށް އެޕްލައިކުރުމަށްފަހު ނެގޭ ހަށިހެޔޮކަމުގެ އިމްތިޙާނުން ފާސްވުމާއި، އަދި ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އާއި ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) އިން ފާސްވެފައިވާ މީހެއް ކަމުގައިވާންޖެހެއެވެ.
މި ދެކޯހަށް ޝަރުތުހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2013 އޮކްޓޯބަރ 05 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯރމް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
މި ކޯސްތަކާއި ބެހޭގޮތުން އެމްއެންޑީއެފްގެ ހެޑް ކްއޯޓަޒްގެ ފޯނު ނަމްބަރު 3322607 އަށް ގުޅުއްވާފައި އެކްސްޓެންޝަން ނަމްބަރު 3562 ނުވަތަ 3156 އަށް ގުޅުއްވައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުން ލޯޑް ކުރެވޭނެ އެވެ.