އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ބާންލީ އަތުން 1-0 އިން އާސެނަލް ބަލިވެއްޖެއެވެ.
މި ނަތީޖާތަކާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އާސެނަލް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައި ކަމަށްވާއިރު ބާންލީ އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ. ފުލަމް އޮތީ 8 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.
މި ސީޒަނުގައި އަދި މިހާތަނަށް އެންމެ މެޗަކުން މޮޅުވެފައިވާ ފުލަމް އިން ރޭ ލިވަޕޫލްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓްގައި ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކޯޑޯވާ އެވެ.
ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ފުލަމް އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އަނިޔާއިން ރަނގަޅުވުމަށްފަހު ރޭގެ މެޗުގައި ކުޅުނު ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ އެ ހަމަލާތައް ދިފާއުކުރުމުގައި ހުޝިޔާރުކަން ދައްކާލާފައެވެ.
މި މެޗުން ލިވަޕޫލަށް ޕޮއިންޓެއް ލިބުނީ 79 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލްގެ ޖޯންސް އަށް މި މެޗުން އެޓީމު މޮޅުކޮށްދޭން ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.
އަމިއްލަ ދަނޑުގައި ކުޅެ ރޭ އާސެނަލް ބާންލީ އަތުން ބަލިވިއިރު، މިއީ އަމިއްލަ ދަނޑުގައި ކުޅެ ޖެހިޖެހިގެން އެޓީމު ލީގުގައި ބަލިވި ހަތަރުވަނަ މެޗެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 56 ވަނަ މިނެޓްގައި ބާންލީގެ ކުޅުންތެރިއެއްގެ ކަރުގައި ހިފުމުން ރެފްރީ ވަނީ އާސެނަލްގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި އާސެނަލް އިން ފުރިހަމަކުރަން ޖެހުނުއިރު މި މެޗުން ބާންލީ މޮޅުވީ އާސެނަލްގެ ކެޕްޓަން އޯބަމަޔަންގް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ 1974 ވަނަ އަހަރަށްފަހު ބާންލީން އާސެނަލް ބަލިކުރި ފުރަތަމަ ފަހަރެވެ.