Last Updated: June 30, 18:04
Tuesday, June 30, 2026
ޚަބަރު

ޑޮކްޓަރަކު ހެލިކޮޕްޓަރުގައި ހުޅުމީދު އަށް

އެމްއެންޑީއެފްގެ ޑޮކްޓަރު ގޮވައިގެންދިޔަ ހެލިކޮޕްޓަރ މީދޫ ބޯޅަ ދަނޑަށް ޖައްސާފައި. ފޮޓޯ: ކިއުންތެރިއެއް

އެމްްއެންޑީއެފް ހޮސްޕިޓަލް "ސެނެހިޔާގެ" ޑޮކްޓަރަކު ހުޅުމީދޫ ބަލި މީހުން ބެލުމަށް "ރެހެންދި" ހެލިކޮޕްޓަރުގައި މިއަދު ހުޅުމީދު އަށް ވަޑައިގެންފި އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ އެމްއެންޑީއެފްގެ ޕިޒިޝަނަކު މަރުކަޒަށް ވަޑައިގެން ބަލި މީހުން ބައްލަވަމުން ގެންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް 25 މީހުން ބަލާފައިވާ ކަމަށާއި، މެންދުރު ފަހުން އިތުރު މީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބްދުއް ރަހީމް ވިދާޅުވީ ސިފައިންނާއި ސިފައިންގެ އާއިލާގެ ބޭފުޅުންނަށް ފަރުވާ ދިނުމުގެ ގޮތުން ޑޮކްޓަރަކު އައްޑޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރަކު ވާނެ، އައްޑޫގައި ސިފައިންނާއި ސިފައިންގެ އާއިލާގެ ބޭފުޅުން ބައްލަވަން ވަޑައިގެން. އަދި އޭގެ ތެރެއިން ފުރުސަތު ދެވެން އޮތް މިންވަރަކަށް އާއްމު ރައްޔިތުން ވެސް ބައްލަވަމުން ގެންދަވާނެ." އޭނާ ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ ޑޮކްޓަރު މި އަންނަ ހުކުރު ދުވަހާ ހަމައަށް އައްޑޫގައި ބަލި މީހުން ބެލުމަށް ހަަމަޖެހިފައިވާ ކަމަށެވެ.