ރިއާސީ އިންތިހާބްގެ ދެވަނަ ބުރުގެ ވޯޓު ލުމަށްޓަކައި އިލެކްޝަން އޮފިޝަލުން ތަމްރީނު ކުރުމުން ދަނިކޮށް ކައުންސިލް އިދާރާގެ މީޓިން ރޫމަށް ބަޔަކު ވަދެ ބައްދަލުވުމަށް ހުރަސް އަޅައިފި އެވެ.
ކައުންސިލް އިދާރާ ސަރަހައްދުގައި ހުރި ޖުމްހުރީ ގުޅުމުގެ މީހަކު ބުނީ ކައުންސިލް އިދާރާގައި އިލެކްޝަން އޮފިޝަލުން ތަމްރީނު ކޮށް އަންނަ ހޮނިހިރު ދުވަހު ވޯޓުލުމަށް ތައްޔާރުވަމުންދާ ކަމުގެ ހަބަރު ލިބުމުން އެކަން އޮޅުން ފިލުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޖޭޕީން ހުށަހެޅި މައްސަލައަކާއި ގުޅިގެން ދެވަނަ ބުރުގެ ވޯޓުލުން ފަސްކޮށްފައި ވަނިކޮށް ކައުންސިލް އިދާރާ ތެރެއަށް އިހްތިޖާޖުކޮށް ޖުމްހުރީ ގުޅުމަށް ތާއިދުކުރާ ބަޔަކު ވަނުމާ ގުޅިގެން އެމްޑީޕީ ސަޕޯޓަރުން ވެސް ވަނީ ކައުންސިލް އިދާރާ ދޮށަށް ޖަމާވެފައެވެ.
އަދި ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ހޫނުވެފައިވެ އެވެ.
ފުލުހުންގެ ދެކުނުގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ އިލެކްޝަންގެ ޓްރޭނިން އާ ދެކޮޅަަށް ބަޔަކު ކައުންސިލް އިދާރާ ކައިރީގައި ހަރަކާތްތެރިވާތީ ފުލުހުން ވެސް އެ ސަރަހައްދު ބަލަަހައްޓަމުން އަންނަ ކަމަށެވެ.
އައްޑޫގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލް ވިދާޅުވީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދޏި ހަމައެކަނި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި އިންތިހާބާ ގުޅޭ އެ ނޫން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ އިލެކްޝަނުން އަންގާ ގޮތަކަށް ކަމަށެވެ.
އެސަރަހައްދުގައި ހުރި "އައްޑޫ ލައިވް" ރިޕޯޓަރު ބުނީ ކައުންސިލް އިދާރާތެރެއަށް ދެ ފަރާތުގެ ސަޕޯޓަރުން ވަނުމާ ގުޅިގެން ފުލުހުން އެތަނަށް ދިއުމުން ދެ ބައި މީހުން ވެސް ކައުންސިލް އިދާރާ އިން ބޭރުވެފައިވާ ކަމަށެވެ.
އިލެކްޝަން އޮފިޝަލުންގެ ބައްދަލުވުން ފަށާފައި ވަނީ މިއަދު މެންދުރު 2 ޖެހި އިރު އެވެ. އަދި އެ ބައްދަލުވުން މާދަމާ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މިކަމާއި ގުޅިގެން ޖޭޕީއަށް ތާއިދު ކުރާ އިސް ފަރާތްތަކުން މިހާރު އައްޑޫސިޓީގެ މޭޔަރާއި ބައްދަލު ވުމެއްް ބާއްވަމުން ދާކަމަށް ހަބަރު ލިބެއެވެ.
އަދި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ކައުންސިލް އިދާރާ ސަރަހައްދަށް ޖަމާވަމުން އަންނަކަމަށް ހަބަރު ލިބެ އެވެ.