މިރޭ 10:30 ހާއިރު ސ. ހިތަދޫ ބޮޑު މަގުން އީސީސީ އަށް ދާން އޮންނަ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ އެވެ.
"އައްޑޫ ލައިވް"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ގައި ފައިބިންދައިގެން ގޮސްފައިވަނީ ސ.ފޭދޫ، ސުވާސާގެ، އިސްމާއިލް ސައީދުއެވެ.
ފުލުހުންގެ ދެކުނު ކޮމާންޑަރު ޗީޕް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ އީސީސީ ސަރަހައްދުން ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި މީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދަށް ފުލުހުންނަށް ދެވުނު އިރު އެކްސިޑެންޓްވި އެއް ސައިކަލުން ދަތުރު ކުރި މީހުން އެ ސަރަހައްދުން ފިލާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ ފިލައިގެން ދިޔަ ސައިކަލް ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރު އަލީ މޫސާ ވިދާޅުވީ އެކްސިޑެންޓް ވެގެން ގެނައި މީހަކަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭނާ އަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ އެކްސިޑެންޓް ހިނގި ސަރަހައްދަކީ މިހާރަކަށް އައިސް ގިނަ އެކްސިޑެންޓް ހިގަމުން އަންނަ ސަރަހައްދެކެވެ. މިދިޔަ ރޯދަ މަހުގެ ތެރޭގައި މި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ވެސް މީހެއްގެ ފައި ވަނީ ބިންދައިގެން ގޮސްފަ އެވެ.
އީސީސީ އަށް ދާން އޮންނަ މަގުގައި ޖަހާފައިވާ ބައްތިތައް ދުވާލު ދިއްލިފައި ހުންނަ އިރު ރޭގަނޑު މި ހިސާބުގަނޑުގެ ބައްތިތައް ހުންނަނީ ނިވިފަ އެވެ.