ރޭ ހިތަދޫ ބޮޑު މަގުން އީސީސީ އަށް ދާން އޮންނަ މަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ފައި ބިންދައިގެން ދިޔަ ސ.ފޭދޫ ސުވާސާގެ، އިސްމާއިލް ސައީދު އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ އެކްސިޑެންޓްވި އިސްމާއިލް ސައީދުގެ ވާއަތު ފައި ވަރަށް ބޮޑަށް ޗިސްވެ ފައިގެ ހަތަރު ތަނަކުން ބިނދިފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.
ރޭ 10:30 އެހާކަށްހާ އިރު ހިނގި މި އެކްސިޑެންޓާ ގުޅިގެން އިސްމާއިލް ހޮސްޕިޓަލަށް ގެނައި އިރު އޭނާ އޮތީ ހޭނެތިފަ އެވެ.
އަދި ގިނަ އަދަދަކަށް ލޭ ފައިބަމުން ދިއުމުން އޮޕަރޭޝަނެއް ކޮށް ވަނީ ލޭ މަނާކޮށްފަ އެވެ. އޭނާ އަށް ފަރުވާ ދެމުން ގޮސްފައި ވަނީ އައިސީޔޫގައި ބާއްވައިގެންނެވެ.
ހަދީޖާ ވިދާޅުވީ އިސްމާއިލްގެ ހާލު ސިރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ފޮނުވުމަށްޓަކައި އާސަންދައިގެ ދަށުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓްގައި ދެވަނަ ސައިކަލުން ދަތުރު ކުރި މީހުން ވަނީ ފިލައިފަ އެވެ. އަދި އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާކަމަށް ދެކުނު ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވަނީ ވިދާޅުވެފަ އެވެ.