އައިޝްވާރިއާ ރާއީ އާއި ފިރިމީހާ އަބިޝެކް ބައްޗަން "ހެޕީ އެނިވާސަރީ" އަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއީ އިންޑިއާގައި ޓީވީ އިޝްތިހާރުތައް ހެދުމަށް މަޝްހޫރު ޕްރަލާދް ކައްކަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ގޯރަންގް ދޯޝީ ޕްރޮޑިއުސް ކުރާ "ހެޕީ އެނިވާސަރީ" އަކީ ކައްކަރު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމް ވެސް މެ އެވެ.
މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ފިލްމްގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ސައުތު އެފްރިކާގަ އެވެ.
އަބިޝެކް އާއި އޭޝްގެ ކައިވެންޏަށް 2011 ވަނަ އަހަރު ފުރަތަމަ ދަރިފުޅު ލިބުނު ފަހުން، އޭޝް މިހާތަނަށް އެއްވެސް ފިލްމަކުން ފެނިފައެއް ނުވެ އެވެ.
އެހެން ނަމަވެސް އޭނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔަމުން އަންނަ ކަމަށާއި ބައެއް ފިލްމްތަކަށް އެއްބަސްވެފައިވާ ކަމަށެވެ.
އެހެންވެ އެ ފިލްމްތައް އުފައްދާ ފަރާތްތަކުން އެކަން އިއުލާން ކުރާނެ ކަމަށް 1994 ވަނަ އަހަރުގެ މިސް ވޯލްޑްގެ މަގާމު ހާސިލްކޮށްފައިވާ އޭޝް ބުންޏެވެ.
އޭނާ އެންމެ ފަހުން ސްކްރީނުން ފެނުނީ 2010 ވަނަ އަހަރު ރިތިކް ރޯޝަން އާ އެކު ސަންޖޭ ލީލާ ބަންސާލީގެ "ގުޒާރިޝް" އިންނެވެ.
އަބިޝެކް އާއި އޭޝް "ހެޕީ އެނިވާސަރީ" އަށް ސޮއި ކުރި އިރު، އެ ދެ ތަރިިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ މަނީ ރަތުނަމް 2007 ވަނަ އަހަރުގެ ހިޓް ފިލްމް "ގްރޫ" އެވެ.
އެ ދެ މީހުން އެކުގައި ފެނިފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ދޫމް 2"، "ކުޗް ނާ ކަހޯ"، "ސަރުކާރް ރާޖް"، "އުމްރާއޯ ޖާން" އަދި "ދާއި އަކްޝަރު ޕްރޭމް ކޭ" ފަދަ ފިލްމްތައް ހިމެނެ އެވެ.