Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބަހުރައިންގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

ބަޙްރައިންގެ ރޯޔަލް އެކެޑެމީ އޮފް ޕޮލިސިން އިން ދިވެހި ފުލުހުންނަށް ލިބިފައިވާ ބެޗްލަސް ޑިގްރީ އިން ލޯ އެންޑް ޕޮލިސް ސައިންސް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ހަތަރު އަހަރު ދުވަހުގެ މި ކޯހަށް ކުރިމަތިލުމުގެ ޝަރުތަކީ ޖީސީ އޯ ލެވެލް ފުރިހަމަ ކުރުމާ އެކު ޢަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔުމާއި އަދި މުޢާމަލާތް ކުރަން އެނގޭ އުމުރުން 18-25 އަހަރާ ދެމެދުގެ މީހަކަށް ވުމެވެ.

މި ކޯހަށް ހޮވޭ ފަރާތްތަކުން ކޯސް ފުރިހަމަ ކުރުމަށް ފަހު ހަތް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ފުލުހުންގެ ތެރޭގައި ޚިދުމަތްކޮށް ދޭން ޖެހެ އެވެ.

އަދި މި ކޯހަކީ ފިޒިކަލް ބައިވެ ސް ހިމެނޭ ކޯހަކަށްވުމާ އެކު ކޯހަށް ހޮވޭ ފަރާތްތަކުގެ ފިޓްނަސް ފެންވަރު ބެލުމަށް ފިޒިކަލް ޓެސްޓާއި މެޑިކަލް ޓެސްޓް ދެވޭނެ އެވެ.

މީގެ އިތުރުން ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ކޯސް އެވޯޑް ކުރުމަށް ހަމަޖެހިފައި ވަނީ ޕޮލިސް ސްކޮލަޝިޕް ބޯޑުން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

މި ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައި ވަނީ މާދަމާ ހަވީރު 4:00 އާ ހަމައަށެވެ.

ކޯސް އެޕްލިކޭޝަން ފޯމްތައް ހުށަހެޅުއްވުމަށް ހަމަޖެހިފައި ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށެވެ.

ކޯހާ ބެހޭ އިތުރު މަޢުލޫމާތު 9790050 ލިބޭނެ އެވެ.