ރިޔާސީ އިންތިހާބަށް އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް އިއްޔެ ސ. ހިތަދޫގައި ކުރިއަށް ދަނިކޮށް އުފެދުނު މައްސަލަތަކާ ގުޅިގެން، އެއްވެސް ވަރަކަށް ޓްރޭނިން ނުހުއްޓޭ ކަމަށާއި އެކަން ކުރިއަށްދާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ފަރާތުން އައްޑޫގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އޮފިޝަލް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް އޮފިޝަލުންނަށް ބާއްވާ ޓްރޭނިން ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ ހިތަދޫގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަދު ނިންމާލެވޭނެ ކަމަށެވެ. ހިތަދޫގެ އިތުރުން އައްްޑޫގެ އެހެން ރަށްރަށުގައި ވެސް ޓްރޭނިން ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.
އެހެން ނަމަވެސް އޮބްޒާވަރުންނާއި ޕާޓީތަކުން ތަމްސީލް ކުރާ އޮފިޝަލުންނާ އެކު ބާއްވާ ބައްދަލުވުންތައް ވެސް، މިހާރު ކުރިއަށްދާ ޓްރޭނިން ނިމުމުން ކުރިއަށް ދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ ޓްރޭނިންގެ މަސައްކަތް އެކަނި. އިންތިހާބު ބޭއްވުމާ ގުޅޭ އިތުރު މަސައްކަތެއް ކުރިއަަކަށް ނުދޭ. އިއްޔެ ޖެހުނު މައްސަލަތަކަށް ފަހު އަޅުގަނޑުމެން އެ ފަރާތާ [މައްސަލަ އުފެއްދި ފަރާތްތަކާ] އަދި ފުލުހުންނާ ވެސް ވާހަކަ ދައްކައި މަޝްވަރާކޮށްގެން މަސައްކަތް ކުރިއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ކައުންސިލް އިދާރާގައި އޮފިޝަލުންގެ ޓްރޭނިން ކުރިއަށް ދަނިކޮށް، ހޮނިހިރު ދުވަހު އިންތިބާހު ބާއްވަން ތައްޔާރު ވަނީ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބައެކެވެ.
އަދި ފަހުން ކައުންސިލް އިދާރާ ކައިރިއަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވެސް އެއްވި އެވެ. މިކަމާ ގުޅިގެން ދެ ބައި މީހުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.
އަދި ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ އައްޑޫ އިސް އެކްޓިވިސްޓް ހުސައިން ސޯލިހު ވިދާޅުވެފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ ޓްރޭނިން އަށް ހުރަސް އެޅީ ސްޕްރީމް ކޯޓުގެ އަމުރާ ހިލާފަށް އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.