Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ކަވާނީ ތިން މެޗަށް ސަސްޕެންޑްކޮށްފި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

އިނގިރޭސި އެފްއޭ އިން ކަވާނީ ސަސްޕެންޑް ކޮށްފައިމިވަނީ ޕްރިމިއާ ލީގުގައި ސައުތްހެމްޓަން އަތުން ޔުނައިޓެޑް މޮޅުވި މެޗަށްފަހު ކަވާނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެގޮތުން ކަވާނީ ކުރި ޕޯސްޓެއްގައި ވަނީ ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފައެވެ.

އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ކަވާނީ ވަނީ ފަހުން އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ. ކަވާނީ ވަނީ ފަހުން އެކަމަށް މައާފަށް ވެސް އެދިފައެވެ.

ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 100،000 ޕައުންޑުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ތިން މެޗަށް ސަސްޕެންޑް ކުރުމުން ކަވާނީ ލީގުގައި އެސްޓަންވިލާއާ ދެކޮޅަށް ކުޅޭ މެޗާއި އިނގިރޭސި ލީގު ކަޕްގެ ސެމީގައި މެންޗެސްޓަރ ސިޓީ އަދި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ވޮޓްފޯޑްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނުކުޅެވޭނެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު ކަވާނީ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.