Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"ހޮނިހިރުގައި ދެވަނަ ބުރު ބާއްވާ ނަމަ ފުލުހުންގެ އެހީއެއް ނުލިބޭނެ"

ރިޔާސީ އިންތިހާބު ތެރޭގައި ފުލުހުން އައްޑޫގައި ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތަކާ ގުޅޭ ގޮތުން ފުލުހުން ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމަ ގޮތުގައި ދެމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާ ނަމަ ފުލުހުންގެ އެހީތެރިކަން އީސީ އަށް ނުލިބޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޑރ. ޢަބްދުﷲ ވަޙީދަށް ރިޔާޒް ސޮއި ކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށް ފުލުހުން ވަމުންދާ ތައްޔާރީތަކާއި އެ ތައްޔާރީތަކުގެ މަޢުލޫމާތު އީސީ އަށް ދީ ދެ ފަރާތުން އެކަންކަން ޙިއްސާކޮށް އީސީގެ ލަފާ ވެސް ހޯދަމުން ގޮސްފައި ވާނެ ކަމަށެވެ.

މި އާއެކު ރިޔާސީ އިންތިޚާބު ބާއްވާ ދުވަހު ސަލާމަތީ ކަންކަން ގެންދާނެ ގޮތާއި ފުލުހުންގެ ދައުރާ މެދު މަޝްވަރާކޮށް ދެ ފަރާތުގެ މެދުގައި މެމްރަންޑަމްއޮފް އަންޑަސްޓޭންޑިންގއްގައި ސޮއި ކުރެވިފައިވާ ކަމަށް ވެސް ސީޕީ ފޮނުއްވި ސިޓީފުޅުގައި ވެ އެވެ.

މި ސިޓީގައި ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ މި އެމްއޯޔޫގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އީސީގެ މެމްބަރުންނަށާއި އެތަނުގެ އޮފީސްތަކަށާއި އެހެނިހެން ވެސް އިލެކްޝަންސް ކޮމިޝަނުން އެދެމުން ދިޔަ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ދެމުންދާ ކަމަށެވެ.

ހަމަ މިއާއެކު 28 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ރިޔާސީ އިނތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ތައްޔާރީތައް ވަމުންދަނިކޮށް ސުޕްރީމް ކޯޓުގެ ނަމްބަރު 02/2013/SC-VA-J ވަގުތީ އަމުރު ނެރުމާއި ގުޅިގެން ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ބޭއްވުމަށްޓަކައި ހިންގޭ އެއްވެސް ޙަރަކާތެއްގައި ފުލުހުންނަށް ބައިވެރިވެވެން ނެތް ކަމަށް އިންތިޚާބުގެ ކަންކަމަށް ލަފާދޭ ނެޝަނަލް ކޯޑިނޭޓިން ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަނަށް އަންގަވާފައި ވާނެ ކަމަށް ވެސް މިސިޓީގައި ކޮމިޝަނަރު އޮފް ޕޮލިސް ވަނީ ވިދާޅުވެފަ އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސަށް ކޮމިޝަނަރު އޮފް ޕޮލިސް މިއަދު ފޮނުއްވާފައިވާ ސިޓީގައިވާ ގޮތުގައި 28 ސެޕްޓެމްބަރު 2013 ވަނަ ދުވަހު އިންތިޚާބުގެ ދެ ވަނަ ބުރު ނުބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް އެ ދުވަހު އިންތިޚާބު ބޭއްވުމަކީ ޤާނޫނާއި ޚިލާފު ކަމަކަށްވާތީ އެ ދުވަހު އިންތިޚާބުގެ ދެ ވަނަ ބުރު ބޭއްވުމަށް ކުރަމުންދާ ކަންކަމުގައި އެހީވެވެން ނެތް ކަމަށް ދެންނެވުން ފިޔަވައި އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ގޮތުން ދޭން ޖެހޭ އެއްބާރުލުމެއް ދިނުން ހުއްޓާލާފައި ނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ސެކިއުރިޓީ ދިނުމާއި އެ ކޮމިޝަންގެ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މި މަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އަތޮޅުތަކަށް ފޮނުވާފައިވާ ވޯޓު ކަރުދާހާއި ވޯޓު ފޮށިތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާ ކަމުގައި ވެސް އެސިޓީގައި ވިދާޅުވެފައި ވެ އެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން އެއްބާރުލުން ނުދޭ ކަމަށް މީޑިއާގަ އާއި އެހެނިހެން ބައެއް މުއައްސަސާތަކަށް ޝަކުވާ ހުށަހެޅުމުން އެ ފަރާތްތަކުން އެފަދަ ކަންކަން ސާފުކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސްއަށް ހުށަހަޅަމުންދާ އިރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަވިސް އަށް ރަސްމީކޮށް އެ ކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ޙިއްސާކޮށްފައި ނުވާތީ އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަވިސް އިން އެހީތެރިކަން ފޯރުކޮށް ނުދެނީ ކޮން ކަމެއްގައިކަން ސާފުކޮށް ދެއްވުމަށް ވެސް މި ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ.