ކަނޑުގައި ދުއްވާ އުޅަނދުފަހަރު ހާލުގައި ޖެހުމުން، އެ އުޅަނދެއް އޮތް ތަނެއް އަންގައި ދިނުމަށް ބޭނުން ކުރާ ޓްރެކިން ޓްރާންސްމިޓަރެއް ކަމަށްވާ އިމަޖެންސީ ޕޮޒިޝަން އިންޑިކޭޓިން ރޭޑިއޯ ބީކަން (އީޕާބް) އައްޑޫގެ އުޅަނދުފަހަރުގައި ބޭނުންކުރަން ޖެހޭ ގޮތަށް ހަމަޖައްސައި އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ކަނޑުގައި ދުއްވާ އައްޑޫގެ ހުރިހާ އުޅަނދެއްގައި އީޕާބް ހަރުކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އޮޑިވެރިންނަށް ދޭނެ ކަމަށެވެ. އަދި އެ ޑިވައިސް އައްޑޫގެ އޮޑިވެރިންނަށް ފަސޭހަކަމާ އެކު ލިބޭނެ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ އީޕާބް ތައާރަފް ކުރުމުގެ ގޮތުން އއްޑޫގެ ހުރިހާ އޮޑިވެރިންނަށް އެ ޑިވައިސް އާ ބެހޭ މައުލޫމާތު ފޯރުކޮށް ދޭނެ ކަމަށެވެ. އަދި އީޕާބް ހޯދޭނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ޑިވައިސްއެއްގެ އަގު އުޅެނީ 200 ޑޮލަރާއި 1،500 ޑޮލަރާ ދެމެދުގަ އެވެ.
ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީތެރިކަމާ އެކު މިކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.