Last Updated: May 7, 06:20
Tuesday, May 7, 2024
ޚަބަރު

ހަމައެކަނި އިދިކޮޅަށް އަމާޒުކޮށްގެން ޝަރީއަތް ހިންގުން މުޑުދާރު

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ހަމައެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ޝަރީއަތް ހިންގުމަކީ ސަރުކާރުން ހިންގާ މުޑުދާރު އަމަލެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ މައްސަަލަތައް ހައްލުކުރުމުގެ ނަމުގައި، ބަދަލު ހިފުމާއި ހަމައެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަކީ ސަރުކާރުން ރާވައިގެން ހިންގާ މުޑުދާރު އަމަލެއް ކަމަށެވެ.

އަދި ގައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަކާއި އެކު އިންސާފް ގާއިމް ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މި ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު ހިމެނޭއިރު އެއިން އެއްވެސް މީހަކަށް ދައުވާ ކުރަން ނުފޮނުވަނީ ސަރުކާރުގައި ހަމަހަމަކަން ނެތުމުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޕްލީ ބާގެއިންގެ ފަހަތުގައި ވަނީ ހިޔާނާތުގައި ހިމެނޭ ވަކި ނަންތަކެއް ފޮރުވުމުގެ ޑީލު. ނުހައްގުން އަނިޔާ ދޭން ހެކި ހޯދުން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މިދިޔަ ހަފްތާގައި ޕީޖީ އޮފީހުން ވަނީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ހަ ދައުވާ އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.