Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

ފައިނަށް އުދަ އަރައިފި

ފައިނަށް އުދަ އަރާފައި - ފޮޓޯ: ފައިނު އޮންލައިން

ރޭގެ ވަގުތެއްގައި ފައިިނަށް އުދަ އަރައި އެ ރަށުގެ ބައެއް ސަރަހައްދުތަކަށް އަސަރުކޮށްފިއެވެ.

ފައިނުގައި ހިންގާ "ފައިނު އޮންލައިން" ގައި ބުނެފައިވާ ގޮތުން އެންމެ ބޮޑަށް އުދަ އަރާފައިވަނީ، ރޭ މެންދަމު 3 ޖަހާ އެހާއިރެވެ. އެގޮތުން، ރަށުގެ އުތުރު ފަރާތުން ފޭސް ޖަމްޢިއްޔާގެ ޢިމާރާތާއި ހަމައަށް ވަނީ ރާޅު އަރާފައެވެ. ދިޔަ ބޮޑުވެ ބަނދަރުގެ ވާޓަރުމަތިންވެސް ރާޅު ކުނިއަޅާ ސަރަހައްދުގެ އިތުރުން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަށްވެސް އުދަ އެރި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އަދި ރޭ ރާޅު އެރިވަރަަށް މިފަހުގެ ތާރީޙެއްގައި ވެސް އުދަ އަރާފައިނުވާކަމަށް އެ ރަށުގެ ފަރާތްތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާއިރު މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.