Last Updated: May 6, 18:19
Monday, May 6, 2024
ޚަބަރު

ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި

ފުލުހުންގެ އިދާރާގައި 20 އަހަރު ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ އަބުދުﷲ ފައިރޫޝް މަގާމުން ރިޓަޔަރ ކުރައްވައިފި އެވެ.

މިކަން ކަށަވަރުކޮށްދެއްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 20 އަހަރު ދުވަހުގެ ގައުމީ ހިދުމަތަށްފަހު ފައިރޫޝް މަގާމުން ރިޓަޔަރ ކުރައްވާފައިވާ ކަމަށާއި ފައިރޫޝްގެ 20 އަހަރު ދުވަހުގެ ހިދުމަތުގައި ދިވެހި ފުލުހުންގެ އިދާރާގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ އިތުރުން ޑރ ފައިރޫޝް އަށް ބާއްޖަވެރި ކުރިމަގަކަށް އެދޭ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޓްވީޓްގައި ވިދާޅުވެފައެވެ.

ޑރ ފައިރޫޝް ރިޓަޔަރ ކުރެއްވި އިރު ހުންނެވީ، ފުލުހުންގެ އިދާރާގެ އެންމެ މުހިއްމު އެއް ޑިޕާޓްމެންޓްކަމަށްވާ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.