Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދެވަނަ ބުރަށް އެއްބާރުލުން ދޭނަން: އައްޑޫ ކައުންސިލް

އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިލެކްޝަން ކޮމިޝަނުން ބާއްވާ ނަމަ އެކަމަށް އައްޑޫ ސިޓީ ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށާއި ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާއަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފި އެވެ.

ކައުންސިލުން މިހެން ބުނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

"ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގައި، ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރު ބޭއްވި ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ދެވަނަ ބުރު ބާއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިރު ގާނޫނު އަސާސީގައި ވަކި މުއްދަތެއްގެ ތެރޭގައި ވަކިކަމެއް ކުރުމަށް ބާޔާންކޮށްފައިވާ ނަމަ އެކަމެއް ކުރުން ލާޒިމް ވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ދެކެމެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ. "އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނަށް ދަތިތަކަކާ ކުރިމަތިވެފައިވާ އިރު، މިދަނޑިވަޅަކީ ޤާނޫނު އަސާސީ ނަގާ ދެމެހެއްޓުމުގެ ގޮތުން ހުރިހާ އެންމެން މަސައްކަތްކުރަން ޖެހިފައިވާ ވަގުތެކެވެ."

ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި ދަނޑިވަޅުގައި ވޯޓުގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގޮސް ކަނޑައެޅިފައިވާ މުއްދަތުގައި ކަންކަން ނިންމުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށާއި ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.