Last Updated: July 27, 10:52
Monday, July 27, 2026
ޚަބަރު

މިދިޔަ އަހަރު ސިވިލް ކޯޓުން 2394 މައްސަލަ ނިންމައިފި

ސިވިލް ކޯޓު

މިދިޔަ އަހަރު ސިވިލް ކޯޓުން 2394 މައްސަލައެއް ނިންމައިފިއެވެ.

ސިވިލްކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު 1574 އަރައެވެ. މިދިޔަ އަހަރު ސިވިލްކޯޓަށް ހުށައަޅާފއިވަނީ 3578 މައްސަލައެވެ. އޭގެތެރެއިން ކުރިީ އަހަރުގެ ބައެއް މައްސަލަތަކާއެކު ނިމިފައިވަނީ 2394 މައްސަލައެވެ.

އަދި މިދިޔަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު 2758 އަށް އަރާއިރު މީގެތެރެއިން 678 މައްސަލައަކީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައްކަމަށް ސިވިލްކޯޓުން ހާމަކުރެއެވެ.

މިިދިޔަ އަހަރު ސިވިލް ކޯޓަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަކަށް ނުގޮސް ހައްލުވި މައްސަލައިގެ އިންސައްތައަކީ 59.6 އެވެ. މިއީ 1377 މައްސަލައެވެ.

ސިވިލްކޯޓުން ބުނީ އެކޯޓުގެ މަސައްކަތް މިއަހަރުގެ ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މި ގޮތުން ފުރަތަމ ފިޔަވަހީގައި މަސައްކަތް ކުރާނީ ކޯޓުގައި އެއްއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 678 މައްސަލަ ނިންމުމަށެވެ. ދެވަނަ ފިޔަވަހީގައި ކޯޓުގައި 6 މަހަށްވުރެ ގިނަ ދުވަސްވެފއިވާ މައްސަލަތައް ނިންމުމަށް އަދި ތިންވަނަ ފިޔަވަހީގައި މަސައްކަތް ކުރާނީ ކޯޓަށް ހުށައަޅާ އަދަދަށްވުރެ އިތުރަށް މައްސަލަ ނިންމުމަށްކަމަށްވެސް ސިވިލްކޯޓުން ބުނެއެވެ.