ތުރުކީ ޕޮލިސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަ އޮފް ސެކިއުރިޓީ ސްޓަޑީޒް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ފުލުހުން ހުޅުވާލައިފި އެވެ.
އެކަޑަމިކް އަދި ފިޒިކަލް ބައިތައް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މި ކޯހަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ތުރުކީގައި ހިންގާ ކޯހެކެވެ.
އަދި މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ހަމައަށް ހުޅުވާލާފައިވާ އިރު ކޯހަށް ކުރިމަތިލާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި މުއްދަތު ހަމަނުވާ ޕާސްޕޯސްޓްގެ އިތުރުން ކޯހަށް އެދި ހުށަހަޅާ ސިޓީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީތައް އަސްލާ އެއްގޮތް ތައްގަނޑު ޖެހުމަށް ފަހު ހުށަހަޅާނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރެސެޕްޝަނަށް ހުށަހެޅުމަށް ފުުލުހުން އެދެ އެވެ.
މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ ޖީސީއީ އޭލެވެލް ދެ މާއްދާއިން ފާސްވެފައިވުމާއި ޓީއޯއީއެފްއެލް އަދި އައިއީއެލްޓީއެސް ނުވަތަ ކޭމްބްރިޖް ޔުނިވަސިޓީގެ އެފްސީއީ، ސީއޭއީ، ސީޕީއީ އިމްތިހާނުތަކުން އިމްތިހާނެއްގައި ބައިވެރިވެ ފާސްވެފައިވުމުގެ އިތުރުން 18 އަހަރު ވެފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.
މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއް ކޯސް ފުރިހަމަ ކުރުމަށްފަ ހު މޯލްޑިވްސް ޕޮލިސް ސަވިސްގެ ވަޒީފާގައި 10 އަހަރާއި ހަ މަސް ދުވަހަށް ޚިދުމަތްކު ރުމަށް އިޤުރާރު ކުރެވޭ އިރު މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރު އަދި ކުށުގެ ރިކޯޑަށް ބެލޭނެ އެވެ.
މީގެ އިތުރުން ކޯހަށް ކުރިމަތިލާ ފަރާތްތަކާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްކޮލަޝިޕް ބޯޑުގެ ފަރާތުން ކުރަންޖެހޭ އިންޓަވިއު ކުރެވޭ އިރު މި ކޯހަށް ހޮވޭ ފަރާތްތައް މެޑިކަލް ޓެސްޓް ހެދިގެން ދާނެ އެވެ.