Last Updated: May 7, 09:25
Tuesday, May 7, 2024
ޚަބަރު

ހިޔާގައި ތިބި 16 ކުއްޖަކު ފުނަދޫ އަމާން ވެއްޓަށް ބަދަލުކޮށްފި

ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ށ.ފުނަދޫ "އަމާން ވެށި"އަށް މިއަދު ބަދަލުކޮށްފިއެވެ. މިބަދަލު ގެނެވިފައިވަނީ އެކުދިންނަަށްވެސް އިޖުތިމާއީ މާހައުލެއްގައި އުޅެބޮޑުވުމުގެ ފުރުސަތު ހޯދައިދީ ލިބެންޖެހޭ އަސާސީ ކުލުނާއި އަޅާލުން އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށެވެ.

އެގޮތުން ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދުއެވެ.

ޖެންޑާ މިނިސްޓްރީ އިން ވިދާޅުވީ އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުންކަމަށާއި އެގޮތުން ށ.ފުނަދޫ އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވޭތަނެެއްކަމަށެވެ.

ވކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ޓްރާންސް މޯލްޑިވިއަން އެއަރވޭސްއާއި ސަންފްރަންޓް ލިވިންގެ ފަރާތުން ގެންދަވަނީ މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުން ކަމަށް ވިދާޅުވެ އެފަރާތްތަކަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.