Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ނަހުލާގެ ވާހަކަ ދޮގުކޮށް ޒުހެއިރު މަޖިލީހަށް ސިޓީއެއް ފޮނުވައިފި

ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު - ފޮޓޯ: ކުޅުދުއްފުށީ ޑޮޓްކޮމް

ރައްޔިތުންގެ މަޖިލީހުގައި ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ދެއްކެވި ބައެއް ވާހަކަތަކަކީ އިތުރުފުޅެއް ކަމަށް ވިދާޅުވެ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ސިޓީއެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒުހެއިރު ފޮނުވި ސިޓީގައި އޭނާ ވަނީ، އިއްޔެ ބޭއްވުނު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި އޭނާއާ ގުޅޭގޮތުން މިނިސްޓަރ ހައްދަވާފައިވަނީ އިތުރުފުޅު ކަން ބަޔާންކޮށްފައެވެ.

ނަހުލާ، ބައްދަލުވުމުގައި ވިދާޅުވީ، އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގެ މައްސަލަ ފެންމަތިވުމުން އެމައްސަލަ ބެއްލެވުމަށް ހަވާލު ކުރެއްވީ ޒުހައިރާ ކަމަށެވެ. ނަމަވެސް ޒުހައިރު މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާކަން ފާހަގަކޮށް ނަހުލާ ވަނީ މިދިޔަ އަހަރު ފަހުކޮޅު ސީދާ އަމިއްލަފުޅަށް މައްސަލަ ބައްލަވަން ގަސްދު ކުރައްވައި ޒުހައިރާ ހަވާލުކުރި މަސްއޫލިއްޔަތު އޭނާގެ އަތުން ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، ޒުހައިރު ވަނީ މިއަދު ރައީސް ނަޝީދަށް ފޮނުވި ސިޓީގައި، މިނިސްޓަރާ ހަމައަށް ފްލައިން ސްކޫލުގެ މައްސަލަ ގެންނެވީ މިދިޔަ އަހަރު ފެބްރުއަރީ މަހު ކަމަށާއި، އެކަމަނާ ވިދާޅުވި ގޮތަށް އަހަރު ފަހުކޮޅު ނޫން ކަމަށް ބުނެފައެވެ.

ޒުހެއިރު ވަނީ ނިމިގެން ދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު މިނިސްޓަރު ނަހުލާއަށް ފްލައިން ސްކޫލުގެ މައްސަލަ ގެންނަވައި، ރިޕޯޓެއް ތައްޔާރު ކުރަން އީމެއިލް މެދުވެރިކޮށް ދަންނަވާފައި ވާނެ ކަމަށް މިސިޓީގައި ބުނެފައެވެ. އަދި މި އީމެއިލަކީ ސިވިލް އޭވިއޭޝަނުގެ ޗީފް އެގްޒެކެޓިވް، ހުސެއިން ޖަލީލާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ އަށް ކޮޕީކޮށް ފޮނުވި މެއިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ބާރު ލިބިދެނީ އެ މެއިލަށް ހަމަދު، ހަމަ އެދުވަހު ޖަވާބުދީ، އެކަން ކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށް ޒުހެއިރުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ފްލައިން ސްކޫލު މައްސަލާގައި މިނިސްޓަރު ނަހުލާ މިހާތަނަށް އެއްވެސް މެމޯ އެއް ނެރެފައިނުވާނެ ކަމަށާއި، އޭނާ އެކަމާ ގުޅޭގޮތުން ފޮނުވި ސިޓީއަށް މިނިސްޓަރު ޖަވާބެއް ވެސް ދެއްވާފައި ނުވާނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ.