އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުން ވަރުގަދަކޮށްފައިވާ ސަބަބު ބަޔާންކޮށް ފުލުހުންގެ އިދާރާ އިން ސިޓީއަށް ފޮނުވައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ސޮއި ކުރައްވައި އީސީ އަަށް ފޮނުވާފައިވާ ސިޓީގައި ބުނަނީ އިލެކްޝަން ކޮމިޝަންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސްކުރިކަން އިޢުލާން ކުރުމާ ގުޅިގެން މި ވަގުތު މާލޭގެ ސަލާމަތީ ކަންކަން ހުރި ގޮތުން އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އިލެކްޝަން ކޮމިޝަންގެ އޮފީހަށް ގެއްލުމެއް ދީފާނެ ކަމަށްޓަކައި ކަމަށެވެ.
މި ސިޓީގައި އިތުރަށް ބަޔާންކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އޮފީހާއި އޮފީސް ހުންނަ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުން ވަރުގަދަކޮށްފައިވީ ނަމަވެސް އެތަނުގެ މުވައްޒަފުން އޮފީހަށް ވަދެ ނިކުމެ ހެދުމަގަ އާއި އަދި ޤާނޫނީ މަސްޢޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް ހުރަހެއް ފުލުހުންގެ ފަރާތުން ނޯންނާނެ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނަށް ފުލުހުން ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.