Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"އައްޑޫގައި ހަމަނުޖެހުމަކަށް ފުރުސަތެއް ނެތް"

ފަސްކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން އައްޑޫގައި އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށް އެ ސަރަހައްދުގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

އެހެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން މާލޭގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ އިރު އައްޑޫގެ ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް މީހުން ނިކުމެ މިއަދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން އިއްޔެ އަޑު އުފުލި ކަމަށެވެ.

ނަމަވެސް އެއްވެސް ހަމަނުޖެހުމެއް އެއްވެސް ސަރަހައްދެއްގައި ހިންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން (ފޮޓޯގައި) އިތުރަށް ވިދާޅުވީ ސަދަން ރީޖަންގައި ހިންގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ފުލުހުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅައި އަމާންކަން ދަމަހައްޓާނެ ކަމަށެވެ.

ފުލުހުން އަދި ބުނީ އަމާން ގެއްލި ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް އެެއްބާރުލުން ލިބޭނެ ކަމަށް ގަބޫލް ކުރާ ކަމަށް ފުލުހުން ބުންޏެވެ.