ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ގާނޫނާ އެއްގޮތަށް ރައްޔިތުންނަށް ލާނެ ފުރުސަތު ނުލިބުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓް މިއަދު ނުލެވުމަކީ ގާނޫނު އަސާސީ ރައްޔިތުންނަށް ލިބިދޭ ހައްގަކުން މަހުރޫމް ކުރުން ކަމަށެވެ. އަދި މިކަމަކީ އެއްވެސް ހާލެއްގައި ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ވޯޓްލުމުގެ ފުރުސަތު ނުލިބުނު އިރު، ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްް ވެފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅޭ އައްޑޫގެ ބައެއް ރައްޔިތުން ދެވަނަ ބުރުގެ ވޯޓްްްް އައްޑޫގައި ލާން ރަޖިސްޓްރީކޮށްފައި ވަނިކޮށްް އެ ފުރުސަތު ނުލިބުމަކީ އެ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ގެެއްލުމަކާއި ދެރައެއް ކަމަށެވެ.
"އޮސްޓްރޭލިއާގައި ދިރިއުޅޭ ބައެެއް އާއިލާތައް ވެސް ދެވަނަ ބުރުގެ ވޯޓްލާން ރަޖިސްޓްރީކޮށް ރަށަށް އައިސްފައި އެބަ ތިބި. މިއީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ބުރުގެ ވޯޓްލުން މިއަދު ނުބޭއްވުމުން ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން އެމްޑީޕީގެ ސަޕޯޓަރުން އެކަމާ އިހުތިޖާޖް ކުރަމުން އަންނަ ކަމަށެވެ.
"އެކަން ކުރިއަށް ދަނީ މައިގަނޑު ގޮތެއްގައި ކްރައުޑް ކޮންޓްރޯލްކޮށްގެން ޖަގަހަތަކުގައި. އަޅުގަނޑުމެން ބޭނުމެއް ނޫން އައްޑޫގައި އެއްވެސް ހަމަނުޖެހުމެއް ހިނގައި މިތަނުގެ އަމާންކަން ގެއްލި ރައްޔިތުންނާއި ދައުލަތުގެ ތަންތަނަށް ގެއްލުން ލިބޭކަށް،" މޭޔަރު ވިދާޅުވި އެވެ. "އެހެންވެ ފުލުހުންނާއި އައްޑޫ ސިޓީ ޕޮލިހާ ވަރަށް ބޮޑަށް މަޝްވަރާކޮށް ގުޅިގެން އަމާންކަން ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ."
ސޯބެ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 8، 2102 ގައި "ބަޢާވަތަކުން ވައްްޓާލުމުން އެކަމާ ދެކޮޅަށް އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާއަކަށް ނިކުތުމުން ބަޔަކު އޭގެ ނާޖާއީޒު ފައިދާ ނަގައިގެން ތަންތަނުގައި ހުޅު ޖަހައި ބޮޑެތި ގެެއްލުންތަކެއް ދީފައިވާ" ކަމަށެވެ.
"އެކަން އިޔާދަވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަދި އެ ފުރުސަތެއް އައްޑޫ ސިޓީ ކައުންސިލުން ވެސް ޕޮލިހުން ވެސް ނުދޭނެ." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ވޯޓް ފަސް ކުރުމުން ރައްޔިތުންގެ ކަންބޮޑުންތަކާ އެކު ވެސް އައްޑޫގެ މަސްރަހު އޮތީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ.