Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

400 މިލިއަން ޑޮލަރު ހޯދައި، އައްޑޫގެ ތަރައްޤީގެ މަސައްކަތް ފަށަނީ: ނިޒާރު

އައްޑޫގެ ތަރައްޤީއަށް ބޭނުންވާ 400 މިލިއަން ޑޮލަރުގެ ފައިސާ ހޯދައި އައްޑޫ ތަރައްޤީގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އައްޑޫ ރައްޔިތުން ނިކަމެތިކޮށް ނުލާނެކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ މަޝްރޫއު އައްޑޫގައި ހިންގާފައިވާ ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި 150 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އައްޑޫގައި ވަނީ ހިންގާފަ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫގެ ޕްރޮޖެކްޓުތަކަށް 400 މިލިޔަން ރުފިޔާ ހޯދައި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. އެމްޑީޕީ އައްޑޫ ރައްޔިތުންނަށް ނިކަމެތި ކޮށް ނުލާނެ. އުންމީދާއިއެކު ގުޅިގެން ކުރިއަށް." ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަށް 400 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ އައްޑޫ އެއާޕޯޓު ތަރައްޤީކޮށް، އައްޑޫ ބިން ހިއްކައި، މަގު ހެދުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ 2 އަހހަރު ނިމިގެން ގޮސްފައިވާ އިރު އަދި ސަރުކާރުން އައްޑޫގައި ބިޔަ އެއްވެސް މަޝްރޫއެއް ފަށާފައި ނުވެއެވެ.

އައްޑޫގެ މޭޔަރުކަމަށް ވާދަ ކުރައްވާ ނިޒާރުވެސް މީގެ ކުރިން ވަނީ އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.