Last Updated: May 17, 13:24
Friday, May 17, 2024
ޚަބަރު ހެލްތު މިނިސްޓްރީ

އައިޖީއެމްއެޗްގައި ފާހާނާބަރިއެއް އެޅުމުގައި މާލީ ބޮޑެތި މައްސަލަތަކެއް

ކުރީގެ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް
ކުރީގެ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް-- ފޮޓޯ: މިހާރު

މިނިސްޓްރީ އޮފް ހެލްތުން 2017 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާއި ހިލާފަށް ގިނަ ހަރަދުތަކެއް ކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ހެލްތް މިނިސްޓްރީގެ 2017 ވަނަ އަހަރު އޮޑިޓް ރިޕޯޓްގައި, އެމިނިސްޓްރީން ހަރަދުކުރުމުގައި މާލިއްޔަތު ގަވައިދާއި ހިލާފަށް ކޮށްފައިވާ ހަރަދުތައް ވަނީ ފާހަގަކޮށްފަ އެވެ. އޭގެތެރޭގައި އައިޖީއެމް ހޮސްޕިޓަލުގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ހަރަދުތަކާއި ބެހޭ ކަންކަންވެސް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އާންމުން ބޭނުންކުރުމަށް އައިޖީއެމްއެޗްގައި ހަދާފައިވާ ފާހާނާ ބަރިއާއާއި ގުޅޭ ކަންކަން ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅާފައެއްނުވެ އެވެ. އެގޮތުން 1.5 މިލިއަން ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދަން އެ މަސައްކަތާއިބެހޭ ތަފްސީލު ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ބަޔާންކޮށްފައިވާއިރު, އާންމުން ބޭނުންކުރުމަށް އައިޖީއެމްއެޗްގައި ހަދާފައިވާ ފާހާނާ ބަރީގެ އެއްވެސް މައުލުމާތެއް ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އާންމުން ބޭނުންކުރުމަށް އައިޖީއެމްއެޗްގައި ހަދާފައިވާ ފާހާނާ އެޅުމަށް ޖުމުލަ 4,801,599 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި މަސައްކަތްކުރުމަށް ކުރި އިއުލާނުތައް ބާތިލު ކުރުމަށްފަހު ތިން ކޯޓޭޝަނެއް ހޯދައިގެން އޭގެތެރެއިން އެންމެ އަގު ހެޔޮ ފަރާތާ މަސައްކަތް ހަވާލުކޮށްފައިވާއިރު, އޭގެތެރެއިން ދެފަރާތަކީ ގުޅުންހުރި ދެ ފަރާތްތަކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ދެކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އެއްބައެއް ހިމެނޭކަމަށާއި, އެހެންކަމުން އެ ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްކަމާއި ވާދަވެރިއަގުތަކެއްކަމަށް ބެލެވެންނެތްކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފާހަނަބަރި އެޅުމަށް އެކަށީގެންވާ ވަރަށްވުރެއް ބޮޑު ހަރަދެއް ކޮށްފައިވާކަމަށެވެ. އެގޮތުން ހަތް ފާހާނަ ހިމެނޭ ގޮތަށް ދެ ފާހާނާބަރި އެޅުމަށް ކޮށްފައިވާ އިއުލާނުތަކަށް ހުށަހަޅާފައިވާ އަގުތަކުގެ އެވްރެޖްކޮށް ހުށަހަޅާފައިވާ އަގަކީ 2,549,901 ރުފިޔާ ކަމަށާއި, އެހެންނަމަވެސް ފަހުން އިއުލާނުތައް ބާތިލުކޮށް ތިން ފަރާތަކުން އަގު ހޯދައިގެން މަސައްކަތް ހަވާލުކުރިއިރު ކޮށްފައިވަނީ 3,498,491 ރުފިޔާއަށް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި މަސައްކަތުގެ ވޭރިއޭޝަންގެ ގޮތުގައި 35% އިތުރުކޮށް ޖުމުލަ 4,801,599 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މާލިއްޔަތު ގަވައިދުގައި ކަނޑއަޅާފައިވާ އަދަދަށްވުރެއް އިތުރަށް އެޑްވާންސް ފައިސާ މި މަސައްކަތުގައި ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެ ނަމަ މަސައްކަތުގެ ޖުމުލަ އަގުގެ 15% އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދެވިދާނެކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާއިރު, މި މަސައްކަތުގައި ޖުމުލަ އަގުގެ 30% އަށްވާ ޖުމުލަ 990,139 ރުފިޔާ އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަސް ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ އެކްސްރޭ ރޫމްގައި ކޮށްފައިވާ މަސައްކަތްތައްވެސް ކޮށްފައިވަނީ ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަނާޅާ ކަމަށެވެ. އެގޮތުން އެކްރޭ ރޫމް މަރާމާތު ކުރުމަށް 3,860,671 ރުފިޔާ ހަރަދުކޮށްފައިވާއިރު އެމަސައްކަތުގެ މައުލޫމާތުތައް ހިއްސާކޮށްފައިނުވާ ކަން ފާހަގަކޮށްފައިވެ އެވެ. އަދި މި ޕްރޮޖެކްޓުގައި ވެސް މާލިއްޔަތު ގަވައިދުގައި ބަޔާންކުރާ ވަރަށްވުރެއް އިތުރަށް އެޑްވާންސް ފައިސާ ދިފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.